އަބްދުﷲ ޖާބިރު

ސިފައިންގެ އަމިއްލަ ހެލިކޮޕްޓަރެއް ހޯދަން ގަރާރެއް

ދިވެހި ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ސަރުކާރުން ހަމަޖައްސައިދިނުމުގެ ގޮތުން އަމިއްލަ ހެލިކޮޕްޓަރެއް ހޯދައި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޑީއާރްޕީން ބުނީ ސިފައިންގެ އަތުގައި އަމިއްލަ އެއާޕޯޓެއް އޮތް ނަމަވެސް މިހާތަނަށް ސިފައިންނަށް އަމިއްލަ ފްލައިޓަކާއި ހެލިކޮޕްޓަރެއް ހަމަޖައްސައި ދެވިފައި ނުވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށް ގޮވާލައި އެ ޕާޓީގެ ލީޑަރު ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަޖައްސައިދިނުމަށް އެ ގަރާރުގައިވެ އެވެ. އަދި ފުލުހުންނާއި ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަން ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ބަސް ނުބުނެ އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ވެސް ޖާބިރުގެ ގަރާރުގައި ގޮވާލާފައިވާނެ ކަމަށް ޑީއާރުޕީން ބުންޏެވެ.

ދިވެހި ސިފައިންނަށް އަމިއްލަ ހެލިކޮޕްޓަރެއް ދިނުމަށް ގޮވާލައި ޖާބިރު ގަރާރެއް ހުށަހެޅުއްވިއިރު، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ ބައެއް ހިދުމަތްތައް ދިނުމުގެ ގޮތުން ދިވެހި ސިފައިން ބޭނުން ކުރަމުން ދަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރެކެވެ.

މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުގެ ހަރަދުގައި ހެލިކޮޕްޓަރެއް ހޯދައި ހިންގުމަކީ ބޭނުންތެރި ކަމަކަށް ވިޔަސް، ދައުލަތުގެ މާލީ ހާލަތާއި ގައުމުގެ ވަސީލަތްތައް ހުރި ގޮތުން އެފަދަ ހަރަދެއް ހިންގާނެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކުން ފައިދާވާ ކަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ހެލިކޮޕްޓަރު އޮންނަނީ އައްޑޫގަ އެވެ. އަނެއް ހެލިކޮޕްޓަރު ގެނެސް ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާ ސިފައިންނެވެ.

މީގެ އިތުރުން ދިވެހި ފުލުހުންނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ކުރުމަށް ވެސް ޖާބިރުގެ ގަރާރުގައިވާއިރު، ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވެ އެވެ. އެ ބިލު ދަނީ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރަމުންނެވެ.

ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބަޔެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ފުލުހުންނަށް އާދައިގެ ޔުނީފޯމެއް ދިނުމަށް ވެސް ބައެއް މެންބަރުން ގޮވާލެއްވި އެވެ. އެ ވާހަކަތަކަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، 241 ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވަނީ ފުލުހުންގެ އަގު ގެއްލިގެންދާ ފަދަ އާދައިގެ ޔުނީފޯމެއް ދޭން ބިލުގައި ނުހިމަނާނެ ކަމަށެވެ.