އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި އިމާރާތް ކުރަމުން ދަނީ ފުލުހުންގެ ތަމްރީން މަރުކަޒެއް ކަމަށާއި، އެތާނގައި އަސްކަރީ އެއްވެސް ހަރަކާތެއް ވެސް އަދި އެފަދަ މަސައްކަތެއް ވެސް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫގައި ހަދަމުންދާ ބޮޑު އިމާރާތަކީ އިންޑިއާގެ އަސްކަރީ ބޭސްއެއް ހިންގަން އިމާރާތް ކުރާ ތަނެއްތޯ ސާފު ކުރަން އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން، އިމްރާން ވިދާޅުވީ އިންޑިއާ ސަރުކާރާއެކު 2012 ވަނަ ދުވަހު ސޮއި ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އަޅަން ހަވާލުކޮށްފައި ވަނީ ފުލުހުން ތަމްރީނުކުރާ މަރުކަޒެއް ކަމަށެވެ.
އެ މަސައްކަތް ލަސްވެފައިވަނީ އެ މަރުކަޒު އަޅާނެ ރަށެއް ކަނޑަނޭޅިގެން ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ އެ މަރުކަޒު އަޅަން ނިންމީ ޅ. އަތޮޅު ދިއްފުށިމާދޫގަ އެވެ. ނަމަވެސް، އޭގެ ފަހުން، ދ. ވާނީއަށް ގެންދަން ހިޔާލު ބަދަލު ވުމަށްފަހު ސ. ހިތަދޫގައި މިހާރު އެ މަރުކަޒު އެޅުމުގެ މަސައްކަތް ކުރާ އެ ރަށުގެ ސަރަހައްދީ ބަނދަރުގެ ބިމަށް ބަދަލުކޮށް، އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2016 ގައި ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ، އެއީ ފުލުހުން ތަމްރީނު ކުރަން ހަދާ މަރުކަޒެއް. އެތަނުގައި އަސްކަރީ އެއްވެސް ހަރަކާތެއް ނޫނީ މަސައްކަތެއް ވެސް ނުހިނގާނެ" އިމްރާން ވިދާޅުވި އެވެ.
އެހެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ އެ މަރުކަޒުގައި ފުލުހުންގެ ތަމްރީނުތައް ހިންގުމުގައި ބޭރުގެ އެއްވެސް ބަޔެއްގެ ބައިވެރިވުމެއް ވެސް ނޯންނާނެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ 18.3 މިލިއަން ޑޮލަރުގެ މަޝްރޫއު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާނެ އެވެ.