އިމްރާން އަބްދުﷲ

އަައްޑޫގައި ހަދަނީ އިންޑިއާގެ މިލިޓަރީ ބޭއެސްއެއްތޯ އިމްރާނާ ސުވާލު ކުރަނީ

އައްޑޫ ސިޓީ ހިތަދޫގައި ހަދަމުންދާ ބޮޑު އިމާރާތަކީ އިންޑިއާގެ އަސްކަރިއްޔާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތް ކުރާ ތަނެއްތޯ ސާފު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމަށް ހުށަޅައި، ސުވާލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދެވެ. ހިތަދޫގެ އެއް ކިލޯމީޓަރަށް ވުރެ ދިގު ބިމުގެ ސަރަހައްދެއްގައި ހަދަމުންދާ އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ ކޮން ފަރާތަކުންތޯ އާއި އޭގެ އެއްބަސްވުމުގެ ތަފުސީލު ދެއްވުމަށް އެދޭ ކަމަށެވެ.

ހިތަދޫގެ އެ ބިމުގައި ހަދަމުންދާ ބޮޑު އިމާރާތަކީ އިންޑިއާގެ އަސްކަރިއްޔާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތް ކުރާ ތަނެއް ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތައް އެތައް ފަހަރަކު ވަނީ ބުނެފަ އެވެ. އެކަމަކު މީގެ ކުރިން ވެސް އެމްއެންޑީއެފް އިން ވަނީ އެފަދަ ވާހަކަތައް ދޮގުކޮށްފަ އެވެ.