އުމަރު ނަސީރު

އައްޑޫގައި ހުޅުވީ އިންޑިއާގެ މިލިޓަރީ ބޭހެއް: އުމަރު

Mar 28, 2022
1

އައްޑޫ ސިޓީގައި ހުޅުވި ފުލުސް އެކަޑަމީއަކީ ކޮންމެ ނަމެއްގައި ހުޅުވާފައިވާ ތަނަކަށްވި ނަމަވެސް އެ ތަނަކީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުން ކުރާނެ ތަނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އެކަޑަމީ އިއްޔެ ހުޅުވާފައިވަނީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަމުގަ އެވެ.

މީޑިއާއަށް އުމަރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނަން ބޯޑުގައި ކޮންމެ ނަމެއް ލިޔެފައި ވީނަމަވެސް އެތަން ފަރުމާ ކޮށްފައި ވަނީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

"... ބޮޑެތި ބާރު ތަކުން ކުދި ގައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައް ބޭނުން ކޮށްގެންނެވެ. މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާ ދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާ ދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަނދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެކެވެ." ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދިވެހި ފުލުހުންގެ އެކަޑަމީގައި އިންޑިއާގެ ފުލުހުންނަށް ތަމްރީން ދެވޭ ގޮތަށް އިއްޔެ ސޮއި ކުރި އެއްބަސް ވުމަކީ ވެސް އޭނާގެ ތުހުމަތު ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އެ އެއްބަސްވުމަކީ މެދުކެޑުމެއްނެތި އިންޑިއާގެ ގިނަ އަދަދެއްގެ ފުލުހުން ނުވަތަ ސިފައިން ތަމްރީން ހޯދުމުގެ ނަމުގައި އާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އައްޑޫ އެކަޑަމީގައި ތިބުމަށް މަގުފަހި ކުރުމަށް ހުޅުވި ދޮރެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ބޭނުން ވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަސްތަކެއް ނުވެ ހަމަޖައްސާނެ ކަމާ ދޭތެރޭ އުމަރު ޝައްކު ނުކުރައްވަ އެވެ.

އުމަރު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގައި ބަހައްޓާފައިވާ 10 ރާޑަރު ސްޓޭޝަނަކީ ވެސް އިންޑިއާގެ ސަލާމަތަށްޓަކައި ބަހައްޓާފައިވާ ތަކެތި ކަމަށެވެ. ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާގެ އުޅަނދުތަކަށް ފާރަލުމާ އެކު އިންޑިއާ ކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމުގައި ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިއާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ގައުމެއްގެ ގޮތުގައި އޮތުމެވެ. އަދި އެއްވެސް ގައުމަކާ ޖެހިނުގަނެ ތިބުމެވެ. އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިގްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތެވެ." އުމަރުގެ ހިޔާލު ހުރި ގޮތް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާއި އެމީހުން ފައިބަންޖެހޭނެ ކަމަށް އުމަރު ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އުމަރު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.