މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް އެކެޑަމީ ލަސްވަނީ އިންޑިއާ މީހުން ނުގެނެވިގެން

އިންޑިއާއިން އައްޑޫގައި ހަދާ، އަދި އެކި ތުހުމަތުތަކާއި ފާޑުކިއުންތައް ވެސް އަމާޒުވެފައިވާ ޕޮލިސް އެކެޑަމީ ނިންމައި ހިދުމަތް ފަށަން ދަތިވެފައިވާ ކަމަށައި އޮތް ބޮޑު ގޮންޖެހުމަކީ އިންޑިއާ ލޭބަރުން ގެނައުން ދަތިވެފައި ވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެ އަވަސް އަށް މައުލޫމާތު ދެއްވީ އަވަސް އިން ކުރި ސުވާލުތަކަކަށް އޯޑިއޯއެއް މެދުވެރިކޮށް ދެއްވި ޖަވާބުތަކެއްގަ އެވެ.

ޕޮލިސް އެކެޑަމީގެ ހިދުމަތް މިއަހަރު ފަށާނެ ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާޗް ހުޅުވާ ހިދުމަތް ދޭން ތައްޔާރުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވެފައި ވެއެވެ.

އިމްރާން ވިދާޅުވީ އެކަޑަމީ އަވަހަށް ނިންމަން އެތައް ސަތޭކަ ލޭބަރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލާތުގައި ހާއްސަކޮށް އިންޑިއާގެ އެތައް ލައްކަ ބަޔަކު ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން ދާތީ ލޭބަރުން ގެނެސް އެމީހުން ކަރަންޓީނު ކުރުވައި މަސައްކަތް ކުރުވުމުގައި ގޮންޖެހުން ހުރި ކަމަށެވެ.

ޕޮލިސް އެކެޑަމީ ހަދަން އިންޑިއާއިން ރާއްޖެއަށް ގެނައި އެތައް ބަޔަކު މީގެ ކުރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

"މިއަދުވެސް އަޅުގަނޑުމެންނާ ދެކެވުނު ވާހަކަތަކުގައި ވެސް އެ ބޭފުޅުން މަސައްކަތް ނިންމުމަށް ގެންނަން ބޭނުންވާ މަސައްކަތްތެރިން ގެނައުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ހުރަސްތަކެއް އެބަހުރި. މި ދޭ ތާރީހުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއީ. 2020 ވަނަ އަހަރު އެއްކޮށްހެން މިދިޔައީ ޕެންޑަމިކްގެ ތެރޭގައި މަސައްކަތް ކުރިއަށް ދިޔައީ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ވެސް އިންޑިއާގެ ފަރާތެއް." މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޕޮލިސް އެކެޑަމީ ނިންމަން ތާރީހެއް ދިނުމަށް ވުރެ މިވަގުތުގެ ވިސްނުމަކީ އެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތެއް ހޯދައި ނިންމުން ކަމަށެވެ.

"އެކި ބިލްޑިންތައް އެކި ވަރަށް ބައެއް ތަންތަން 90 ޕަސެންޓް ނިމިފައި ހުރީ. ފަހަރުގައި އަޅުގަނޑުމެން ހުޅުވާއިރުގައި އެންމެ މެއިން ބިލްޑިންތަކާއެކުގައި ހިދުމަތް ފެށޭވަރަށް އަޅުގަނޑުމެން ހުޅުވާނަން. އެހެން ނަމަވެސް ބައެއް ކަހަލަ މަސައްކަތްތައް ހިދުމަތް ފެށުމަށް ފަހު ވެސް ކުރަން ހުރުމަކީ އެކަށީގެންވާ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ޕޮލިސް އެކެޑަމީ ހަދަން 375 މަސައްކަތްތެރިން ބޭނުންވެ އެވެ. މަސައްކަތްތައް ނިންމަން 100 ވަރަކަށް މަސައްކަތްތެރިން ބޭނުންވާތީ އެ އަދަދަށް މީހުން ހޯދަން އިންޑިއާގައި މިހާރު އެދިފައިވާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އިންޑިއާ އިން ލޭބަރުން ހޯދަން ދަތިވެފައި ވާތީ އައްޑޫ ވެސް މީހުން މަސައްކަތް ކުރެ އެވެ.

ޕޮލިސް އެކެޑަމީ ހުޅުވުމުން ފުލުހުންގެ ހިދުމަތަށް، ބަދަލުތަކެއް ގެނެވޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. ކުރިއަށް އޮތް ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ތުމާއެކު، އެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަމުންދާއިރު ދ. ވާނީގައި ވެސް އިންޑިއާގެ އެހީގައި ޕޮލިސް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށްފައި ވެއެވެ. އައްޑޫ އެކެޑެމީ ފަށައިގަތުމުން ވާނީގައި ދެމުންގެންދާ ތަމްރީންގެ މުހިންމު ބައިތަކެއްް އައްޑޫއަށް ބަދަލު ކުރާނެ އެވެ.

އައްޑޫ އިމާރާތުގެ ވަސީލަތްތަކުގެ ތެރޭގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމެއް ހިމެނެ އެވެ. އަދި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓަކާއި 400 މީޓަރުގެ ޓްރެކަކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 320 މީހުންނަށް އެއްފަހަރާ ކިޔަވައިދެވޭ ކްލާސްރޫމް ވެއެވެ.

އައްޑޫގެ މުހިއްމު ސަރަހައްދަކުން ޕޮލިސް އެކަޑަމީ ހަދަން ބޮޑު ބިމެއް ނަގާފައިވާތީއާއި އެތަނަށް އެއްވެސް ބަޔަކަށް ނުވަދެވޭނެހެން ބަންދު ކޮށްގެން އެތަނުގައި އިންޑިއާ މީހުން ގިނަ އަދަދަކަށް އުޅޭތީ ސަރުކާރަށް ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި އޮވެ އެވެ.