އިންޑިއާގެ އެހީގައި އައްޑު އަތޮޅު ހިތަދޫގައި ހަދާ ޕޮލިސް އެކެޑަމީ އަންނަ އަހަރު މާޗު މަހު ހުޅުވަން ނިންމައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިންޑިއާ ސަފީރު މުނު މަހާވަރާ އިއްޔެ ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައި އެ އެކެޑަމީގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.
އެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ކޮމިޝަނަރު ހަމީދު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް އެކެޑަމީ ހުޅުވުން ކަމަށާއި ކުރިއަށް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
އެގޮތުން މުޅި އެކެޑަމީ ނިންމަައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ހުރި ވަސީލަތްތަކާ އެކު އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވާކަމަށާއި އަންނަ އަހަރުގެ މާރޗް މަހު މަސައްކަތްތައް ނިންމައި ތަން ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.
ތިރީސް މިލިއަން ޑޮލަރުގެ އެހީގެ ދަށުން އިންސްޓިޓިޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގެ ނަމުގައި އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަން ފެށީ 2012 ވަނަ އަހަރު އެވެ. އެ އެކެޑަމީ ހަދަނީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކޮށް ލޯ ސްކޫލެއް ވެސް ހިންގާ ގޮތަށެވެ.
އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަމުންދާއިރު ދ. ވާނީގައިވެސް އިންޑިއާ ސަރުކާރުގެ އެހީގައި ވަނީ ޕޮލިސް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށްފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވީ އައްޑޫ އެކެޑެމީ ފަށައިގަތުމުން ވާނީގައި ދޭ މުހިންމު ތަމްރީންގެ މުހިންމު ބައިތަކެއްް އައްޑޫއަށް ބަދަލުކުރާނެ ކަމަށެވެ. އެއާއެކު ވާނީގައިވެސް ދޭނީ ވަކި ކަހަލަ ތަމްރީންތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.