އިމްރާން އަބްދުﷲ

ހުކުުރު ދުވަހު މާލޭގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތް ނުބޭއްވޭނެ ކަމަށް އަންގައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން މިއަދު މަޖިލީހަށް ހާޒިރުކުރީ ތ. ވޭމަންޑޫގައި އަޅާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭ ގޮތުން ސުވާލުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅާފައި ވާތީ އެކަމަށް ޖަވާބުދާރީ ވުމުގެ ގޮތުންނެވެ.

ރިޔާޒުގެ ސުވާލަށްފަހު އިތުރު ސުވާލަށް ހުށަހަޅާލުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ "އިންޑިއާ އައުޓް" ހަރަކާތް ރާއްޖޭގައި ނުހުއްޓުވިގެން އުޅޭ ސަބަބާ މެދު ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާަން ވިދާޅުވީ "އިންޑިއާ އައުޓް"ގެ ހަރަކާތާ ގުޅޭ ގޮތުން ރަައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވެސް އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ޖަވާބުދާރީ ވެފައިވާނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު "އިންޑިއާ" އައުޓް"ގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ހަރަކާތް ނުހިންގޭނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭނެކަން މިހާރު ވާނީ އެ ބޭފުޅުންނަށް ދެންނެވިފަ" އިމްރާން ވިދާޅުވި އެވެ.

ހުކުރު ދުވަހު ބާއްވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަށް އަންގާފައިވާ ކަމަށް އިމްރާން ވިދާޅުވި ނަަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އެކަން ދޮގުކުރައްވަ އެވެ.

ހީނާ ވިދާޅުވީ މިއަދު މަޖިލީހުގައި އިމްރާން ހެއްދެވީ ސިދާ އިތުރު ފުޅެއް ކަމަށާއި ހުކުރު ދުވަހު ބާއްވާ ހަރަކާތާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކާ އެކު އެއްވެސް ބައްދަލުވުމެއް އަދި އެއްވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ.

"އިންޑިއާ އައުޓް ބާރަށް ކުރިއަށް ދާނެ" ހީނާ ވިދާޅުވި އެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަދި ޅ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ ޅ. ނައިފަރުގަ އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.