ހަބަރު

އެއްވެ އުޅުމަށް ހުރަސް އަޅާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

އެއްވެ އުޅުމުގެ މިނިވަން ކަން ހަނިވާ ގޮތަށް އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުން މަޖިލީހުގައި ލަސްވެފައި އޮއްވާ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީން ނަސްރުގެ ދުވަސް ފާހަގަ ކުރަން ބޭއްވި އެއްވުމުގައި ބަޔަކު ހައްޔަރު ކުރީތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވައްދައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އެ ގާނޫނު ބާތިލު ކުރުމުގެ ބިލް ވެސް މީގެ ކުރިން މަޖިލީހަށް ހުށަހެޅުއްވި ޑީއާރުޕީގެ ލީޑަރު، އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅުއްވި ބިލް ވަނީ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ. ނަމަވެސް ކޮމިޓީން އަދި އެ ކަމުގައި ގޮތެއް ނިންމައި ތަޅުމަކަށް ނުފޮނުވަ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އިސްލާހުގައިވާ ގޮތުން، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ އަދި ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި އެއްވެސް އެއްވުމެއް ނުބޭއްވޭނެ އެވެ.

އެކަމާ ގުޅިގެން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަގާއި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސްއަޅާ ގޮތަށް އޮތް އިސްލާހު ބާތިލު ކުރުން މަޖިލީހުން ލަސްވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނަސްރުގެ ދުވަސް ފާހަގަ ކުރަން ބޭއްވި އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައިވާތީވެ ކަންބޮޑުވާ ކަމަށެވެ.

އެ ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ޖާބިރު ނިސްބަތްވާ ޑީއާރުޕީގެ ރަޖިސްޓްރާ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ހިމެނެ އެވެ. އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުން ވަނީ ހަމަ އެ ރޭގެ ވަގުތެއްގައި ދޫކޮށްލައިފަ އެވެ.

ޖާބިރުގެ ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ކުއްލި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެންމެ ފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރޭގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ސުލްހަވެރި އެއްވުންތަކުގެ ތެރެއިން މީހުން ހައްޔަރު ކުރުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ކަންކަމަށް މީހުން ފާޑުކިޔުމުންނާއި އެ ކަންކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުން ހައްޔަރު ކޮށްގެން ނުވާނެ ކަމަށާއި އެ ގޮތަށް އަމަލު ކުރާނަމަ ބަދުނާމު ވެގެން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ބޭފުޅުން ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި ކުރީގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު މި ހިނދުން މި ހިނދަށް މަޖިލީހުގެ ތަޅުމަށް ގެނެސް ބާތިލު ކުރަން ޖާބިރު ގޮވާލެއްވި އެވެ.