ހަބަރު

"އަޑީ ދައުލަތް" ހޯދަން ޖާބިރުގެ ކުއްލި މައްސަލައެއް

Jul 11, 2020
2

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ފަހަތުގައި އޮތީ "އަޑީ ދައުލަތެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ، އެ ވިދާޅުވާ "އަޑީ ދައުލަތަކީ" ކޮބައިކަން ސާފުކުރަން، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޑީއާރުޕީގެ ލީޑަރު ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުތަކުގައިވެސް "އަޑީ ދައުލަތު"ގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށެވެ.

އަދި ރައީސް ސޯލިހާއި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ 20 މެންބަރަކަށް ލާދީނީ ބައެއްގެ ތުހުމަތުކޮށް، އެ އަޑީ ދައުލަތުން މަރުގެ އިންޒާރު ދެމުންދާކަމަށްވެސް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވެ އެވެ.

"... މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށްޓަކައި، އަޑީ ދައުލަތަކީ ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ،" ބެލުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފަ އެވެ.

މިފަދަ ކުއްލި މައްސަލައެއް ޖާބިރު ހުށަހަޅުއްވާފައިވާއިރު، ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ބޮޑެތި ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަނބުރާލަމުންދާ ކަމަށާއި އެ ތަހުގީގުތައް އަނބުރާލަމުން ދަނީ "އަޑީ ދައުލަތުން" ކަމަށް މިދިއަ މަހު ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޑީ ދައުލަތެއް އޮތް ކަމަށް ވަރަށް ގިނަ ބަޔަކަށް އެބަ ޝައްކު ކުރެވޭ، އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ހަމަ ވާއެއް ނުވާއެއް ނޭނގޭ،" ސަލާމަތީ ބާރުތަކުގެ ތެރޭގައިވެސް އަޑީ ދައުލަތުގެ ފަރާތްތައް އުޅޭކަމަށް މީގެ ކުރިން އެތައް ފަހަރަކު ތުހުމަތު ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.