މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގެ އޮނިގަނޑު އެކުލަވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގެ އޮނިގަނޑު އެކުލަވާލައިފި އެވެ.

އެމްއެންޕީން މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަސްރާ އަހްމަދު ވަނީ އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގެ އޮނިގަނޑުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

އެގޮތުން އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލަށް ރައީސަކާއި ހަ ނާއިބު ރައީސުން އަދި ވިމެންސް ވިންގުން އަދި ޔޫތު ވިންގުގެ ލީޑަރުންގެ އިތުރުން 21 ކައުންސިލް މެމްބަރުން ދެ ފުށް ފެންނަ ވޯޓަކުން ހޮވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްރާ އިތުރަށް ވިދާޅުވީ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންހާ އަވަހަށް އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޅުއްވާ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވީ އެ ޕާޓީގެ އެންމެ އިސް ބަޔަކީ ޕާޓީގެ މެމްބަރުން ކަމަށެވެ. އެހެން ޕާޓީތަކަށް ނަމޫނާ ދެއްކުމަށް ވީހާވެސް ބޮޑަށް ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން އެމްއެންޕީން މަސައްކަތް ކުރާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގައި ހަ ނާއިބު ރައީސުން ހިމަނަން ނިންމި ނިންމުންވެސް ސިނާން ސާފުކޮށްދެއްވި އެވެ. އެގޮތުން މީގެ ކުރިން ޕާޓީތަކުގައި ނާއިބު ރައީސުންގެ މާބޮޑު ދައުރެއް ނޯންނަ ކަމަށާއި އެކަމަކު އެކަމަކު އެމްއެންޕީން އެ އުސޫލު ވެސް ބަދަލުކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނި ގޮތަކީ ރާއްޖެ ފަސް ބަޔަކަށް ބަހާލައިފައި އެ ފަސް ދިމާލުން ފަސް ދާއިރާއަށް މީހަކު އިންތިހާބުކޮށް އެއީ އެ ދާއިރާގެ އެންމެ އިސް ފަރާތްކަމުގައި ބަލައިގެން އެ މަސައްކަތްކުރުން. އެ ފަސް ދާއިރާއަށް އިސް ކޮށް ހުންނަވާނީ ނައިބް ރައީސެއް،" ސިނާން ވިދާޅުވި އެވެ.

ސިނާން އިތުރަށް ވިދާޅުވީ ޕާޓީގެ އިސް ފަރާތްތަކާ މެމްބަރުންނާ ނުގުޅުމުގެ ޝަކުވާ މީގެކުރިން އެހެން ޕާޓީ ތަކަށް ލިބުނު ކަމަށާއި ނަމަވެސް ފަސް ދާއިރާއަކުން ނާއިބު ރައީސުން އައްޔަނުކުރުމަށް އެއަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނާއިބު ރައީސުން ހޮވާ ފަސް ދާއިރާ

  • އަޕާ ނޯތު ދާއިރާ (ހއ. ހދ. ށ. އަދި ނ. އަތޮޅު)
  • ނޯތު ދާއިރާ ( ރ. ބ. އަދި ޅ. އަތޮޅު)
  • ސެންޓްރަލް ދާއިރާ (މ.ވ ކ. އއ. އަދި އދ. އަތޮޅު)
  • ސައުތު ސެންޓްރަލް ދާއިރާ (ފ.ދ.ތ. އަދި ލ)
  • ސައުތު ދާއިރާ (ގއ. ގދ. ޏ. އަދި އައްޑޫ ސިޓީ)

ހަ ނާއިބު ރައީސެއް ހޮވާއިރު އަންހެން ބޭފުޅަކުވެސް ނާއިބު ރައީސެއްގެ ގޮތުގައި ވަކިން ހޮވާނެ އެވެ. މިއީ އަންހެން ބޭފުޅުންނަށް ސިޔާސީ ދާއިރާއިން ފުރުސަތުތައް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް ސިނާން ވިދާޅުވި އެވެ.

އިންޓެރިމް އެކްޒެކިއުޓިވް ކައުންސިލްގެ އިތުރުން އެޑްވައިޒަރީ ކައުންސިލަށް ވެސް މެމްބަރުން އައްޔަނުކުރާނެ އެވެެ. އެ ކައުންސިލަށް މެމްބަރުން ލުމަށް ރައީސްއަށް އެންޑޯޒް ކުރެވޭނެ އެވެ. އަދި އެ މެމްބަރުންނަށް ރުހުން ދޭނީ އިންޓެރިމް އެކްޒެކިއުޓިވް ކައުންސިލް މެމްބަރުންނެވެ.