މޯލްޑިވްސް ނޭޝަނަލް ޕާޓީ

މޯދީއަށް ފުރައްސާރަކުރުން އެމްއެންޕީން ކުށްވެރިކޮށްފި

ސަރުކާރުގެ ބައެއް އޮފިޝަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ފުރައްސާރަކޮށްފައިވާތީ އެކަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުށްވެރިކޮށްފި އެވެ.

އެމްއެންޕީން ބުނީ ބޭރުގެ ދައުލަތެއްގެ ވެރިއަކާ ދެކޮޅަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނަސްލީ ތަފާތުކޮށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމްއެންޕީން ބުނެފައިވެ އެވެ.

އެމްއެންޕީން ވަނީ މިކަމުގައި ޝާމިލުވާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް ދިވެހިން މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށީ ލަކްޝަދީބުގެ ރީތިކަން ތައުރީފުކުރައްވާ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓާއެކު ރާއްޖެއާ ދެކޮޅަށް އެގައުމުގެ ބައެއް މީހުން ސޯޝަލްމީޑިއާގައި ވާހަކަ ދައްކަން ފެށުމުންނެވެ.

މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނުރުހުންފާޅު ކުރައްވާފަ އެވެ.