އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

ފެރީ ނެޓްވޯކުގެ ފުރަތަމަ އުޅަނދު ބާލައިފި

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފުރަތަމަ އުޅަނދު ބާލައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން އެ އުޅަނދު ބޭލީ މިއަދު ތިލަފުށީގެ ގަލްފް ކްރާފްޓް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އުޅަނދު ބޭލުމަށް ފަހު އިންޖީނު ކޮމިޝަންކޮށް ޓެސްޓްކުރުމަށްފަހު މި ހަފްތާގެ ތެރޭގައި ސީ ޓްރަޔަލް ފެށޭވަރުވާނެ ކަމަށެވެ.

އެމްޓީސީސީން އަމާޒު ހިފައިފައިވަނީ ހައި ސްޕީޑް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހު ފަށާށެވެ. ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރާއިރު ފުރަތަމަ ހިދުމަތް ފަށާނީ އުތުރުގެ ތިން އަތޮޅެއްގަ އެވެ. އެ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ބަންނަން އެމްޓީސީސީން ހަވާލުކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާ އެވެ . އެގޮތުން އެ ކުންފުނިން 17 ފެރީއެއް ބަނދެދޭނެ އެވެ.

އެމްޓީސީސީން ބުނީ ގަލްފް ކްރާފްޓްއިން ބަންނަ ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ ދުވެލި ބާރު ވާނެ ކަމަށެވެ.

މި މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަލަށް ބަންނަ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި ގަޑިއަކު
30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެ ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާ ކުރަނީ ދަތުރުތައް ކުރަން އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މި ފެރީތަކުގައި ހުރެ އެވެ.

ފެރީ ނެޓްވޯކްގެ ދަށުން ހަދާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އެގޮތުން 40 ފެރީ ސްޓޮޕެއް ހަދާނެ އެވެ.