އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

އާރްޓީއެލްގެ ދަތުރުތައް ހއ. އަތޮޅުގައި މާދަމާ ރަސްމީކޮށް ފަށަނީ

Jul 2, 2022

ރާއްޖޭގެ ރަށްތައް ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް -- ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހއ. އަތޮޅުތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖައްސައިފި އެވެ.

އާރްޓީއެލްގެ ދަތުރުތަކަށް ހއ. އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން މިދަތުރުތައް ނުރަސްމީކޮށް އެ އަތޮޅުގައި ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ނުރަސްމީ ދަތުރުތައް ކުރިއަށް ގެންދިޔައީ އެއްވެސް އަގެއް ނުނަގާ ކަމަށްވީ ނަމަވެސް މާދަމާ ރަސްމީކޮށް ދަތުރުތައް ފެށުމާ އެކު އާރްޓީއެލްގެ ދަތުރުތަކަށް އަގު ނެގުމަށް ވަނީ ނިންމާފަ އެވެ.

މި ދަތުރުތަކުގެ އަގުތައް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އާރްޓީއެލްގެ ދަތުރުތަކުގައި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ މީހުންނަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ކަން އަންގައިދިނުމަށް ޖެންޑާ މިނިސްޓްރީން ދޫކޮށްފައިވާ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ހއ. އަތޮޅުގައި ކުރިއަށް ގެންދާ އާރްޓީއެލްގެ ދަތުރުތަކަށް ޓިކެޓް ބޭނުންވާ މީހުންނަށް އާރްޓީއެލްގެ ވެބްސައިޓާއި ދަތުރުތަކަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ވިއުގަ އަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ. މިދަތުރުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

އާރްޓީއެލްގެ ދަތުރުތައް މިހާތަނަށް ފަށާފައިވަނީ ހަމައެކަނި ހދ. އަތޮޅުގަ އެވެ.

އާރްޓީއެލްގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.