އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

ރާއްޖެ ގުޅައިލާ ފެރީ ނިޒާމާއެކު ފަހި ފުރުސަތު ތަކެއް

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކާއި އެކު ދިހިންނަށް ފަހި ފުރުސަތު ތަކެއް ލިބޭ ކަމަށް ޕްލޭނިން މިނިސްޓްރީގެ ޕްލޭނިން ކޮންސަލްޓެންޓް ޝަހުދާ ޝިޔާމް ވިދާޅު ވެއްޖެ އެވެ.

ޕީއެސްއެމް ނިވްސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަހުދާ ވިދާޅުވީ މި ނެޓްވޯކް ގާއިމް ކުރުމަށް ފަހު ދިރި އުޅޭ ރަށް ނޫން އެހެން ރަށް ރަށަށް ވެސް ވަޒީފާ އަށް ދިއުމުގެ މަގު ފަހިވާނެ ކަމަށެވެ.

މީގެ އިތުރުން ޝަހުދާ ވިދާޅުވީ މި ޕްރޮޖެކްޓަށް ބެނުންވާ ފެރީތަށް ފަރުމާ ކުރާނީ އެންމެ ޒަމާނީ ފެންވަރުގެ ފާހަނާ ވެސް ހިމަނައިގެން ކަމަށެވެ. އަދި އެ ފާހަނާ ވެގެން ދާނީ ހާއްސް އެހީ އަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުން ކޮށްލެވޭ ފާހަނާ އަކަށް ކަމަށެވެ.

ޝަހުދާ ވިދާޅުވީ މި ފެރީ ނިޒާމާއި އެކު ރަށް ރަށުގަ އަޅަން ހަމަ ޖެހިފައިވާ ފެރީ ޓާމިނަލްތަށް ފަރުމާ ކުރާނީ އެކި ރަށް ރަށުގަ އެކި ފެންވަރަށް ކަމަށެވެ. އެގޮތުން ގިނަ މީހުން ދާ ބޮޑެތި ރަށް ރަށުގައި އަޅާ ފެރީ ޓާމިނަލް ފަރުމާ ކުރާނީ ލަގެޖް ބެހެއްޓޭ ގޮތަށް ޒަމާނީ ފެންވަރުގެ ފާހަނާ އެއްވެސް ހިމަނައިގެން ކަމަށެވެ. މީގެ އިތުރުން ި ޓާމިނަލް ތަކަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ވެސް ފަސޭހައި ބެނުން ކުރެވޭނެ ޓާމިނަލް ތަކެކެވެ.

އިންޓަގްރޭޓެޑް ފެރީ ނެޓްވޯކާއި އެކު ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އާޒިމް ވިދާޅުވީ އަންނަ ޖުލައިމަހު މި ޕްރޮޖެކްޓްގެ އިންފްރާސްޓްރަކްޗާ މަސައްކަތަށް މުވައްޒަފުން ނެގާނެ ކަމަށެވެ. އަދި މިކަމުގައި ރަށުގައި ތިބެގެން ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޖުމްލަ 81 ވަޒީފާ އުފެދިފައިވާކަމަށެވެ. އެގޮތުން 34 އޮޕަރޭޓަރުންނާއި 36 ކްރޫއިންނާއި 11 އެޑްމިން އޮފިސަރުން ނެގުމަށްވަނީ ހަމަޖެހިފައެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ބޮޑު ސަރަހައަދެއް އެކުލެވިގެންވާ ދިވެހިރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ އަވަސް ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މި ޕްރޮޖެކްޓްގެ ފުރަތަމަ ޒޯނުގެ މަސައްކަތް ފަށަން އެމްޓީސީސީ އަށް ވަނީ ހަވާލުކޮށްފައެވެ. އެ އެއްބަސްވުމާއި އެކު އެންމެ ފުރަތަމަ ހިދުމަތް ދޭނީ ހއ، ހދ އަދި ށ އަތޮޅު ގެ ރަށް ތަކަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާކޮށްފައިވާ ވިއުގަ އެކެވެ.

އެގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާއި ވެސް ގުޅިގެންދާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" ގެ އިތުރުން "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއް ގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުން ތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ލިންކެކެވެ. އަދި ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ލިންކެކެވެ. މީގެ އިތުރުން ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

މި މަޝްރޫއުގެ ދަށުން ރަށް ތަކުގައި ފެރީ ޓާމިނަލް އާއި އެހެނިހެން ކަމާ ބެހޭ އިންފްރާސްޓްރަކްޗާ ވެސް ގާއިމު ކުރާނެ އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި ގާއިމް ކުރެވޭ ފެރީގެ ނިޒާމުގައި ހިމެނޭ އުޅަނދު ތައްވެސް އުފައްދާނީ ރާއްޖޭގެ ބޯޓް ބިލްޑަރުން ކަމަށެވެ.