އެމްއެންޑީއެފް

ސުލްތާންގެ މަރުގެ ތަހުގީގު ފަށައިފި

Sep 26, 2021
3

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ދިވެހި ސިފައިންގެ މީހެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން މަރުވި މައްސަލައިގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އއ. ހިމަންދޫ އަށް އުފަން ސުލްތާން މަރުވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އިއްޔެ އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

"މިއަދު [ހޮނިހިރު] މެންދުރު ފަހު އޮތް މި ދުވުމުގެތެރޭގައި ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވެއްޓުމުން އިމަޖެންސީގައި 1:58 ގާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވަނީ ނިޔާވެފައެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ސުލްތާން މަރުވީ ފިޒިކަލް ޓްރޭނިންއެއްް ހަދަމުން ދަނިކޮށް ކަމަށެވެ. އެހެންވެ ސުލްތާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސުލްތާންގެ މަރުވި މައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކުން ވެސް މިހާރު ވަނީ އެންޑީއޭ އަށް އަންގާފަ އެވެ.

އެންޑީއޭ ގާއިމުކޮށްފައިވާ ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް އިންޑިއަން އެކްސްޕްރެސް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސުލްތާން މަރުވި މައްސަލަ ބެލުމަށް ކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ބަލަމުން ގެންދާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލި ބެލުމުން ސުލްތާންގެ މަރުގައި ޝައްކު އުފެދޭ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަށް ދިއުމުގެ ކުރީން ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.