ޣައްސާން މައުމޫން

މިނިވަންކަމަށް ބުރޫ އަރާ ކަމެއް ސަރުކާރުން ނުކުރޭ: ޣައްސާން

ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ދައުލަތު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް ރައީސް ކުރައްވާފައިނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރުވެސް ބުރޫއަރާފަދަ ކަމެއް މި ދަތުރުފުޅުގައިވެސް އެހެން ދަތުރުފުޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ ނުވަތަ ނުރައްކާވާ ފަދަ ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވާފައިނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކުރަން އިތުރުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައިވެސް އޮތީ ދިވެހިރާއްޖެއިން އެދޭ ހާލަތްތަކެއްގައި އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރެވޭނެ ވާހަކަ،" ޣައްސާން ވިދާޅުވި އެވެ.