ރައީސް އަބްދުﷲ ޔާމީން

ޣައްސާން އުނބަށް ޖަހައިފި: ޔާމީން

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އުނބަށް ޖަހައިފި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

މިއީ ޔާމީން މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނުގެ ކޮއްކޮ -- ޣައްސާންގެ ނަން ވިދާޅުވުމަށްފަހު ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން "ފްރޮންޓް އޮފީސް ޖަލްސާ"ތަކުގެ ނަމުގައި ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ އުނބަށް ޖެއްސެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަނި ނޫން ކަމަށާއި ޑިފެންސް މިނިސްޓަރު ޣައްސާންވެސް އުނބަށް ޖަހާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ފާޑުވިދާޅުވުން ޣައްސާނަށް އަމާޒުވީ ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީނު ހަދާފައިވާ ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަކުރުމާ ދެކޮޅަށް ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް އެ މައުލޫމާތު ހާމަކުރަން ސަރުކާރުން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު އެ މައުލޫމާތު ހޯދަން ހުށަހެޅުމުން އެ މައުލޫމާތު ހާމަނުކުރަން މިސަރުކާރުން ހައިކޯޓަށް މައްސަލަ ހިފައިގެން ދިޔައީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ސިއްރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނުމަށްފަހު އެ މައުލޫމާތު ސިއްރުކުރުމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ މުއިއްޒުގެ އެންގެވުމަށް ސަރުކާރުން މިހާރު ވަނީ މައްސަލަ ކޯޓުން އަނބުރާ ގެނެސް މައުލޫމާތު ހާމަކުރަން ނިންމާފަ އެވެ.

މިމައްސަލައިގައި ކުރީގެ ނިންމުން ބަދަލުކޮށް މައުލޫމާތު ހިއްސާކުރަން ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަމުން އެނގިގެންދަނީ މިސަރުކާރުގައި އެއްވެސް ހަރުދަނާ ކަމެއް ނެތް މިންވަރު ކަމަށެވެ.

"ޣައްސާންވެސް އުނބަށް ޖެހީ. އެކަމަކު ޑިފެންސް މިނިސްޓްރީ ކަހަލަ ތަނަކުން މިވަރު ނިންމުމެއް ނިންމަން ވާނީ ސޮލިޑްކޮށް. ރައްޔިތުންނަށް އިތުބާރު ކުރެވެން ވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިފެންސް މިނިސްޓްރީ ފަދަ ދައުލަތުގެ ވަރުގަދަ މުއައްސަސާތަކުން ނިންމާ ނިންމުންތަކުގައި ހަރުދަނާ ކަމެއް ނެތް ނަމަ ރައްޔިތުންނަށް އެފަދަ ނިންމުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގަންނަން ދަތިވާނެ ކަމަށެވެ. އަދި މިއަދު ވެރިކަމުގައި ތިބީ މައުލޫމާތު ހާމަކުރަން އެންމެ ބޮޑަށް ބާރުއަޅައި އެކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.