ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ދީފި އެވެ.
އިންޑިއާ އިން މިކަން ޔަގީންކޮށްދިނީ އެ ގައުމަށް މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
މިބައްދަލުކުރެއްވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ސިޔާސަތުގައި ރާއްޖެއސަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި ވަނީ ދިވެހި ސިފައިން ތަމްރީން ކުރުމަށާއި އެމްއެންޑީއެފްއަށް އެހީވުމުގައި މާޒީގައިވެސް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދިން ގޮތަށް މުސްތަގުބަލްގައިވެސް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ އިން ދަނީ ރާއްޖޭގެ ތަރައްގީއަށްވެސް އެކި ދާއިރާތަކުން އެހީވަމުންނެވެ. އެފަދަ އެހީތައް ފޯރުކޮށްދިނުމުގައިވެސް އިންޑިއާ ދެމިތިބޭނެ ކަމުގައި ވިދާޅުވި އެވެ.
ޣައްސާންގެ މިދަތުރުފުޅަކީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީކޮށް އިންޑިއާއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމާ އެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ. ނަމަވެސް ދެ ގައުމުން ޑިޕްލޮމަސީގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ވަނީ ފައިބާފައި ކަމަށް ދެ ގައުމުގެ ސަރުކާރުން ބުނެ އެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ވަނީ އަލުން ބަދަހިވާން ފަށާފަ އެވެ.