ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ސިފައިންގެ ދެވަނަ ބެޗް ފައިބައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗް މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއިން ފައިބާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވެރިކަން ބަދަލުކުރި މަައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި ބޭރު ސިފައިން ތިބުން ކަމަށެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ވައުދު ވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ދުވަހު މަސައްކަތް ފެއްޓެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ސިފައިން އަނބުރާ ފޮނުވާލުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. 10 މޭ ހަމަ ކުރީގައިވެސް ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުންވެސް ގެންދާނެ، ފައިބާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ އަދި ރާއްޖެ އެއްބަސްވެފައިވަނީ މިއަހަރުގެ މެއި 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ބޭލުމަށެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ރާއްޖެ ގެނައުމަށް ނިންމާފައިވަނީ މަދަނީ މީހުންނެވެ.