ސާފް ޗެމްޕިއަންޝިޕް

ނޭޕާލްއާއި ލަންކާ ޓީމު ރާއްޖެ އައިސްފި

މިއަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ އީދު "އުރީދޫ ސާފް ޗެމްޕިއަންޝިޕް"ގެ މެޗުތައް ކުޅެން ނޭޕާލު އަދި ސްރީލަންކާގެ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ދިވެހިރާއްޖެއާ އެވެ. މި މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެވެ. މީގެ ކުރިން ތާވަލު ކުރެވިފައިވަނީ ހުކުރު ދުވަހުގެ ހަވީރު މި މެޗު ކުޅުމަށެވެ. އެކަމަކު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭގަނޑު އޮންނާތީ އެ މެޗު ކުޅޭނީ ރަސްމިއްޔާތަށް ފަހު އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ނޭޕާލުން ވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. އަދި މުބާރާތަށް ތައްޔާރުވުމަށް ގިނަ މެޗު ތަކެއް ނޭޕާލުން ކުޅުނުއިރު، ފީފާ ރޭންކިންގައި ދުނިޔޭގެ 78 ވަނައިގައި އޮތް އޮމާނާއި ދެކޮޅަށް ވެސް ނޭޕާލުން މެޗެއް ކުޅުނެވެ.

މީގެ އިތުރުން މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ބެލެވޭ އިންޑިއާ އާއި ނޭޕާލް ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރުވި އިރު، ދެވަނަ މެޗު އިންޑިއާ ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ހަމައެހެންމެ ގަތަރުގެ ދެވަނަ ޑިވިޝަންގައި ކުޅޭ ކްލަބް އަލް ބިދާ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗުން ނޭޕާލް މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.

ނޭޕާލުން ޓްރެއިނިން ކޭމްޕްގެ ތެރެއިން ރާއްޖެއާ މެޗެއް ކުޅެން ހުށަހެޅި އެވެ. އެކަމަކު، މުބާރާތުގެ ފުރަަތަމަ މެޗު ކުޅެން އޮތް ޓީމާ ދެކޮޅަށް މެޗެއް ކުޅުން ރަނގަޅު ނުވާނެތީ ރާއްޖެއިން އެ ފުރުސަތު ދޫކޮށްލީ އެވެ.

ސްރީލަންކާގެ ފުރަތަމަ މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު އެވެ. އެ މެޗުގައި ސްރީލަންކާ ޓީމު ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްއާ އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ލަންކާ ޓީމު ވެސް ފުރަތަމަ ކޭމްޕު ކުރީ ގަތަރުގަ އެވެ. އޭރު ރާއްޖެއިން ވަނީ ލަންކާއާ އެކު މެޗެއް ކުޅުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު ލަންކާގައި ކޮވިޑްގެ ހާލަތާއި އެކު އެކުލަވާލާފައިވާ ޕްރޮޓޮކޯލް ތަކުގެ ސަބަބުން އެޓީމު ވަނީ ގަތަރު ދޫކޮށް ސައުދީ އަރަބިއްޔާގައި ކޭމްޕު ކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލަންކާއާ އެކު މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ.