ސާފް ޗެމްޕިއަންޝިޕް

ދުލެއް ނުދޭނަން: ނޭޕާލް ކޯޗު

ލަންކާ އާއި ބައްދަލުކުރާ މެޗުގައި ކުޑަކޮށް ވެސް ދޫނުދޭނެ ކަމަށް ނޭޕާލްގެ ހެޑް ކޯޗު އަބްދުލްﷲ އަލް މުތައިރީ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އާއި ނޭޕާލް މިރޭ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ ލަންކާ މެޗުގައި އެ ޓީމަށް ކުޑަކޮށް ވެސް ދޫނުދޭނެ ކަމަށެވެ. އަދި ނޭޕާލަށް ގޯލެއް ޖެހިއްޖެ ނަމަ ގޭމް އޯޕަން ކޮށްގެން ނުކުޅޭނެ ކަމަށާއި ވަގުތުން ފަހަތަށް ޖެހި ޑިފެންސް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ސްރީލަންކާ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ދަށްކޮށް ގިނަ ބަޔަކު ފާހަގަކުރާ ޓީމު ނަމަވެސް މުތައިރީ ބުނީ ލަންކާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

އެހެންކަމުން މިރޭގެ މެޗަށް ނުކުންނާނީ ރާއްޖެ އަތުން ހޯދި މޮޅުގެ މަތިން ހަނދާން ނައްތާލުމަށްފަހުގައި ކަމަށެވެ.

"މިރޭގެ މެޗަށް ނިކުންނާނީ ރާއްޖެ އަތުން ހޯދި މޮޅުގެ މަތިން ހަނދާން ނައްތާލުމަށް ފަހު މިއީ މުބާރާތުގެ ފުރަތަމަ މެޗު ކަމަށް ދެކިގެން. އަދި މިއީ މުބާރާތުގެ ފައިނަލް ކަމަށް ވެސް ބަލައިގެން. އެހެންނޫނީ މިރޭގެ މެޗަށްފަހު މާގަދަޔަށް ރޯން ޖެހިދާނެ. އޭރުން ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ރާއްޖެ އަތުން ހޯދި ތިން ޕޮއިންޓުގެ ހަގީގީ ފައިދާއެއް ނޯންނާނެ" ކަމަށެވެ.

މީގެ އިތުރުން މިރޭގެ މެޗުގައި ނޭޕާލުން މަސައްކަތް ކުރާނީ އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ފުރަތަމަ ހާފުގައި ރަތް ކާޑެއް ދިނުމަށް ކަމަށް މުތައިރީ ބުންޏެވެ. ބަންގްލަދޭޝް އާއި ލަންކާ ބައްދަލުކުރި މެޗުގައި ލަންކާއިން 67 ޓެކުލް ކޮށްފައި ވާކަން ފާހަގަ ކުރަމުން މުތައިރީ ބުނީ އެމީހުން އަތުން ފައުލް ހޯދަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. އެހެންކަމުން އެކަމުގެ ފައިދާ ނަގައި ފުރަތަމަ ހާފުގައި އިދިކޮޅު އެއް ކުޅުންތެރިއެއް ދަނޑުން ބޭރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި މެޗާއި ގުޅޭ ގޮތުން ސްރީލަންކާ ޓީމުގެ ކޯޗު އާމިރް އަލާގިޗް ބުނީ ނޭޕާލްގެ ކޯޗަކީ ކުރަން އުޅެ ކޮންމެ ކަމެއްވެސް ހާސިލް ކުރާ ކޯޗެއް ކަމަށެވެ. އެގޮތުން ރާއްޖެ އާއި ބައްދަލުކުރި މެޗުގައި ކައުންޓާ އެޓޭކު ކޮށްގެން މޮޅުވަން ރާވައި، އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ކުރިކަން އަލާގިޗް ފާހަގަ ކުރި އެވެ.

އަދި މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ވެސް ރެފްރީންގެ ފަރާތުން މައްސަލަ ހުރިކަން ފާހަގަ ކުރަމުން އަލާގިޒް ބުނީ ފުރަތަމަ މެޗުގައި ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްކަސް އަށް ދެއްކި ރަތް ކާޑަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި ރާއްޖެ އާއި ނޭޕާލް މެޗުގައި ނޭޕާލް ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ވެސް ޕެނަލްޓީ ނުދިނުމުން އަލާގިޒް އެކަމާ ވެސް ނުރުހުން ފާޅުކުރި އެވެ.

މިފަދަ މުބާރާތް ތަކަށް ހުރިހާ ޓީމަކުން ވެސް އަންނަނީ ބޮޑު ހަރަދެއްކޮށް އެތަށް މަސައްކަތަކުންކަން ފާހަގަ ކުރަމުން އަލާގިޗް ބުނީ އެންމެ މީހެއްގެ ސަބަބުން އެހުރިހާ ކަމަކަށް ބުރޫ އެރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މެޗަށް ނިކުންނަ އިރު ދެ ޓީމުގެ ވެސް އެންމެ ރަނގަޅީ ޑިފެންސް ލައިންކަމަށް އަލާގިޗް ބުންޏެވެ. އެކަމަކު އެޓީމުގެ އެންމެ އިސް ޑިފެންދަރު ޑަކްސަންއަށް މި މެޗުގައި ނުކުޅެވޭތީ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެހެންކަމުން ޓީމުގެ ޑިފެންސްލައިން ފޫބެއްދުމަށް ބަދަލުތަކެއް ގެންނާނެ ކަމަށް އަލާގިޗް ބުންޏެވެ.