އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، ދެވަނަ ހާފުގައި އިންޑިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެދު ތެރެއިން ގިނަ ޕާސް ތަކެއް ޖެހުމަށް ފަހު އެޓޭކް ކުރުމުގައި ދެ ފަޅިން ގިނަ ހުރަސް ތަކެއް ނަގައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރި އެވެ.
ލަންކާއިން ބޮދަށް ވިސްނީ ބައިކޮޅަށް ގޮލެއް ވަނަ ނުދީ ލިބޭ ފުރުސަތު ތަކުގައި ކައުންޓާ އެޓޭކް ކުރުމަށެވެ. އެމީހުން ވަނި މިއަދުގެ މެޗުގައި އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ކޮށްފަ އެވެ.
މި ނަތީޖާ އާއި އެކު އިންޑިއާއަށް މުބާރާތުގައި ކުރިއަށް ދާން ހުރަސްތަކަކާއި ކުރިމަތިވި އިރު، ލަންކާ ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފަ އެވެ. ލަންކާއަށް މުބާރާތުގެ ފުރަތަމަ ޕޮއިންޓް ލިބުނީ މިއަދުގެ މެޗުން އެއްވަރު ވުމުންނެވެ. އެކަމަކު މުބާރާތުގައި ބާކީ އެއް މެޗު އޮއްވައި ލަންކާ ކެޓީ ދެން އޮތް މެޗުން މޮޅު ވިޔަސް ގަދަ ދޭއްގައި ނުހިމެނޭނެތީ އެވެ.
ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ހުރިހާ ޓީމެއް ހުރިހާ ޓީމަކާއި ބައްދަލު ކުރުމަށް ފަހު ފައިނަލުގައި ކުޅޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ.
މިހާރުގެ ނަތީޖާ ތަކަށް ބަލާއިރު، ކުޅުނު ދެ މެޗުން މޮޅު ވެގެން ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލުގެ އެއް ވަނައިގައި އޮތީ ނޭޕާލް އެވެ. ބަނގްލަދޭޝް ދެވަނައިގައި އޮތީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ވުމުން ލިބުނު ހަތަރު ޕޮއިންޓުނެނެވެ. ދެ މެޗުން އެއްވަރުވެ ލިބުނު ދެ ޕޮއިންޓުން އިންޑިއާ ތިން ވަނައިގައި އޮތް އިރު އެއް ޕޮއިންތާއި އެކު ލަންކާ އޮތީ ހަތަރު ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ތާވަލުގެ ފުލުގަ އެވެ.
މިރޭގެ މެޗުގައި ބައްދަލު ކުރާނީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. މުބާރާތުގައި ކުރިއަށް ދާން ބޭނުން ނަމަ މިރޭގެ މެޗުން މޮޅުވުން ރާއްޖެއަށް ވަރަށް މުހިންމެވެ.