ސާފް ޗެމްޕިއަންޝިޕް

ނޭޕާލް ބަލިކޮށް އިންޑިއާއިން އުންމީދު އާކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި އިންޑިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިންޑިއާއިން މުބަރަތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުން އިންޑިއާ މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރަން މަސައްކަތް ކުރި އިރު، ނޭޕާލް ޓީމުން މަސައްކަތް ކުރީ ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ކައުންޓާ އެޓޭކް ކުރުމަށެވެ.

އިންޑިއާއިން ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އުފެއްދުނީ މަދު ހަމަލާ އެކެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި ސުނިލް ޗެތުރީ ފޮނުވާލި އެއް ހަމަލާ ކީޕަރު މޭޕާލުގެ ކީޕަރު ދިފާއު ކުރިއިރު، އަނެއް ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ހާފު ނިމެނިކޮށް ލިބުނު ހުސް ފުރުސަތުވެސް ވަނީ ބޭކާރު ވެފަ އެވެ. އޭގެ މަންވީރް ސިންގަ ފޮނުވާލި ބޯޅަ ވެސް މަތަކިރީ ނޭޕާލްގެ ކީޕަރު ކިރަން އެވެ.

ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ނޭޕާލަށް ތަނަވަސް ކުރެވިފައި ނުވާއިރު، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

އިންޑިއާއިން ގޯލު ޖެހީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ 82 ވަނަ މިނެޓުގައި ބްރެންޑަން ނަގައިދިން ހުރަސް، ފާރޫކު ބޮލުން ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ.

މި ނަތީޖާ އާއި އެކު އިންޑިއާއަށް މުބާރާތުގެ އުންމީދު އާވި އިރު، އަންނަ ބުދަ ދުވަހު ރާއްޖެ އާއި ބައްދަލުކުރާ މެޗުން އިންޑިއާ މޮޅުވުން މަޖުބޫރު ވާނެ އެވެ. އަނެއްކޮޅުން މިރޭގެ މެޗުން މޮޅުވި ނަމަ ނޭޕާލަށް ފައިނަލް ކަށަވަރު ވާނެ އެވެ.