ސާފް ޗެމްޕިއަންޝިޕްގައި ލަންކާއިން ކުޅުނު ފުރަތަމަ ދެ މެޗުވެސް އެޓީމަށް ނާކާމިޔާބު ވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ނޭޕާލާއި ލަންކާ ބައްދަލުކުރި މެޗު ނިމުނީ 3-2 އިން ނޭޕާލް މޮޅުވެގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ލަންކާ ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ. މިއާއި އެކު މުބާރާތުގައި ލަންކާ އިތުރަށް ކުރިއަށް ދިއުމުގެ މަގު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ނޭޕާލު ޓީމުންނެވެ. ފުރަތަމަ ހާފު ނިމުނީ ނޭޕާލްގެ ސުމަން ލަމާ ޖެހި ގޯލުން ނޭޕާލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ނޭޕާލަށް ލީޑު ފުޅާ ކޮށްދިނީ އަންޖަން ބިސްޓާ އެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ލަންކާއިން ގޯލެއް ޖަހައި ފަރަގު ކުޑަ ކުރި އެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ނޭޕާލުގެ ފަހު ގޯލު ކާމިޔާބު ކޮށްދިނީ އަޔޫޝް ގަލާން އެވެ. ލަންކާ އިން ވަނީ ހިތްވަރު އެލުވާ ނުލައި އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ލަންކާއިން އެޓީމުގެ ފަހު ގޯލު ކާމިޔާބު ކުރީ މެޗުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.
މި ނަތީޖާއާ އެކު ލަންކާއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައި ވާއިރު، ނޭޕާލުން މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދު އާކުރި އެވެ. މިފަހަރުގެ މުބާރާތް ކުޅޭ ޓީމު ތަކުގެ ތެރެއިން މިހާތަނަށް މުބާރާތް ކާމިޔާބު ނުކުރެވޭ ހަމައެކަނި ގައުމެވެ. އެހެންކަމުން އެޓީމުން އަމާޒު ހިފާފައި ހުރީ ކޮންމެ ގޮތަކުން ވިޔަސް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުމަށެވެ.
މިފަހަރުގެ މުބާރާތަށް ނިކުން އިރު ލަންކާގެ ކޯޗު އަލާގިޗް ބުނީ މި މުބާރާތުގައި ކޮންމެ ނަތީޖާއެއް ނިކުތަސް މައްސަލައެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އޭނާގެ އަމާޒަކީ ލަންކާގެ ފުޓްބޯޅަ އަލުން އާރާސްތުކޮށް 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ލަންކާ ކޮލިފައި ކޮށްދިނުން ކަމަށެވެ.