އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިހާރު ޕްރެޝަރު އޮތީ އެހެން ޓީމު ތަކަށް ކަމަށް ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.
ލަންކާ އާއި ނޭޕާލް ރޭ ބައްދަލުކުރި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މުތައިރީ ބުނީ ނޭޕާލުން މުބާރާތުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރުމުން މިހާރު ޕްރެޝަރު އޮތީ މުބާރާތުގައި ވާދަކުރާ އެހެން ޓީމު ތަކަށެވެ.
ނޭޕާލުން މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުން ރާއްޖެ ބަލިކޮށްގެންނެވެ. އޭގެ ފަހުން ރޭގެ މެޗުގައި ލަންކާގެ މައްޗަށް ނޭޕާލް ކުރި ހޯދީ 3-2 އިންނެވެ. މިއާއި އެކު މިހާރު ނޭޕާލް އޮތީ ދެ މެޗުން މޮޅު ވެގެން ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ދެ މެޗު ކުޅެގެން ދެން އެންމެ ގިނަ ޕޮއިންޓު ހޯދުނީ ބަންގްލަދޭޝް އަށެވެ. ފުރަތަމަ މެޗުގައި 1-0 އިން ލަންކާ ބަލިކުރި ނަމަވެސް އިއްޔެ ހަވީރު އޮތް މެޗު ބަންގްލަދޭޝް ނިންމާލަން ޖެހުނީ 1-1 ގެ ނަތީޖާ އަކުން އިންޑިއާ އާއި އެއްވަރު ވެގެންނެވެ.
މުތައިރީ ބުނީ މުބާރާތުގައި އެންމެ ޕްރެޝަރު ބޮޑުވާނީ އިންޑިއާ އަށް ކަމަށެވެ. އެއީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދެ ޕޮއިންޓު ގެއްލުމުންނެވެ. އިންޑިއާއިން މުބާރާތުގެ ފުރަތަމަ މެޗުން މޮޅުނުވެ މުބާރާތް މި ފެށީ 13 އަހަރު ފަހުންނެވެ. އެންމެ ފަހުން މީގެ ކުރިން މުބާރާތުގެ ފުރަތަމަ މެޗު މޮޅަކުން ނޫން ގޮތަށް އިންޑިއާ އިން ފަށާފައި ވަނީ 2003 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގައި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން އިންޑިއާ ބަލިވީ 1-0 އިންނެވެ.
މުބާރާތުގައި މީޑިއާ ތަކާއި ހިއްސާ ކުރާ ހުރިހާ ވާހަކައެއްގެ ޒިންމާ މުތައިރީ ނަގާނެކަން ފާހަގަކުރަމުން އޭނާ ބުނީ އެގޮތަށް ކަންތައް ކުރަނީ ކުޅުންތެރިންނަށް އޮންނަ ޕްރެޝަރު ކުޑަ ކުރުމަށް ކަމަށެވެ. މުތައިރީ ބުނީ "ފުޓްބޯޅަ އަކީ ވަރަށް ބޮޑަށް އެ ގެންގުޅޭ ވިސްނުމަކާ ގުޅިފައި އޮތް ކުޅިވަރަކަަށް ވާއިރު، ކުޅުންތެރިން ތިބެން ޖެހޭނީ ޕްރެޝަރާ ދުރުގައި" ކަމަށެވެ.
މި މުބާރާތުގައި ރީތި ކުޅުމެއް ދެއްކުމަށް ވުރެ ބޮޑު އިސްކަމެއް ދެނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓް ހޯދަން ކަމަށް މުތައިރީ ބުންޏެވެ.
"ފަހަރެއްގައި މީހުން ހިތްހަމަ ނުޖެހިދާނެ ރާއްޖެ މެޗުގައި އަހަރެމެން ކުޅުނު ގޮތުން. އެކަމަކު ކީއްވެ އެކަމާ އަހަރެން ދެރަވާންވީ. އަހަރެން އަތުގައި ދެ މެޗުން ލިބެންޖެހޭ ހަ ޕޮއިންޓް އެބައޮތް،" މުތައިރީ ބުންޏެވެ.
މުތައިރީ އިތުރަށް ބުނީ މުބާރާތަށް ނިކުންނަނީ ނަތީޖާ ނެރެން ކަމަށާއި މޮޅު ކުޅުމެއް ދައްކަން ނޫން ކަމަށެވެ. އަދި މޮޅު ކުޅުމެއް ދައްކަން މަސައްކަތް ކުރާނީ ރަހުމަތްތެރި ކަމުގެ މެޗު ތަކުގައި ކަމަށެވެ. އެއީ އޭގެ ސަބަބުން މުބާރާތުގައި ނަތީޖާ ނެރުމަށް ފަސޭހަ ވާނެތީ އެވެ.