ސާފް ޗެމްޕިއަންޝިޕް

އަދި ތައްޓެއް ނުލިބޭ، ހަމަޖެހޭ!

ރޭގެ މެޗުން މޮޅުވި ނަމަވެސް އަދި މުބާރާތުގެ ތަށި ނުލިބޭ ކަމަށާއި، އެހެން ކަމުން ގައުމު ހަމަޖެހިގެން ތިބުމަށް ނޭޕާލްގެ ހެޑް ކޯޗު އަބްދުﷲ އަލް މުތައިރީ އެދެފި އެވެ.

ރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުން މޮޅުވި ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލަށް އަދި ނުލިބޭ ކަމަށެވެ. އެހެންކަމުން ގައުމުގެ ވެރިންނާއި ސަޕޯޓަރުން ހަމަޖެހިގެން ތިބުން މުހިންމު ކަމަށެވެ.

"މި މެސެޖަކީ ނޭޕާލުގެ ފުޓްބޯލް އެސޯސިއޭޝަނާއި، ދައުލަތާއި، ސަޕޯޓަރުންގެ އިތުރުން ނޭޕާލުގެ ހުރިހާ ރައްޔިތުންނަށް ހާއްސަކުރާ މެސެޖެއް. އަހަރެމެންނަށް އަދި ތަށްޓެއް ނުލިބޭ. އެހެންވީމަ މިރޭ އުފާކޮށްފައި. މާދަމާ ހޭލާފައި ހަމަޖެހިގެން ތިބެންވީ އެންމެން. ހަމަޖެހިލާފައި ދެން އޮތް މެޗުތަކަށް ތައްޔާރުވާން ޖެހޭ،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ މިރޭގެ މެޗުން މޮޅުވުމުން ކުރެވުނީ ބަޔާން ކުރަން ދަތި އިހްސާސެއް ކަމަށެވެ. އޭނާގެ ބޮޑުބޭބެ ބުރާސްފަތި ދުވަހު ނިޔާވެފައި ވާކަން ފާހަގަ ކުރަމުން މުތައިރީ ބުނީ ރޭގެ މެޗުން މޮޅުވުމުން ކުރެވެނީ ހުރިހާ ޖަޒްބާތެއް އެކުވެގެން ކުރެވޭ އިހްސާސެއް ކަމަށެވެ. ރޭގެ މެޗުގައި ލިބުނު ކާމިޔާބީ މުތައިރީ ހާއްސަ ކޮށްފައި ވަނީ ބުރާސްފަތި ދުވަހު ނިޔާވި އޭނާގެ ބޮޑުބޭބެ އަށެވެ. އަދި އެދުވަހުގެ ޕްރެސްގައި ބައިވެރި ނުވެވުނީ އެކަމުގެ ހިތަމައިގައި ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް މުތައިރީ ބުންޏެވެ.

ރާއްޖެ އާއި ބައްދަލުކުރުމުގެ ކުރިން ރާއްޖޭގެ ކުޅުން ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައި ވާނެކަން ފާހަގަ ކުރަމުން މުތައިރީ ބުނީ އަޝްފާގަށް ބޯޅަ ލިބުމުން ކުޅުންތެރިން ބަދަލުވާ ގޮތް ވެސް ދެނެގަނެފައި ވާނެ ކަމަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަނަށް ވެފައި، އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު ރާއްޖެއަށް ޕްރެޝާ ބޮޑު ވާނެކަން އެނގޭ ކަމަށް މުތައިރީ ބުންޏެވެ. އަދި 0-0 އިން އެއްވަރު ވެފައި ނުވަތަ 1-0 އިން ނޭޕާލް މޮޅުވާ ނަމަ ސަޕޯޓަރުންގެ އަޑާއި އެކު ރާއްޖެއަށް ޕްރެޝާ ބޮޑުވާނެ ކަން ފާހަގަ ކުރަމުން މުތައިރީ ބުނީ އޭގެ ބޭނުން ނޭޕާލް ޓީމުން ވަރަށް ރަނގަޅަށް ހިފި ކަމަށެވެ.

ރޭގެ މެޗަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މައްޗަށް ނޭޕާލް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހަތް މެޗު ކުޅުނު އިރު އޭގެ ތެރެއިން ފަސް މެޗު ކާމިޔާބު ކުރީ ރާއްޖެއިންނެވެ. އަދި އަނެއް ދެ މެޗުން ވަނީ އެއްވަރު ވެފަ އެވެ.

މުބާރާތުގައި ނޭޕާލް ދެން ވާދަ ކުރަން ޖެހޭނީ އަންނަ ހޯމަ ދުވަހު ސްރީލަންކާއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދެޝް އަތުން ލަންކާ ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ.