ސާފް ޗެމްޕިއަންޝިޕް

ބަންގާޅުން އިންޑިއާ ހިފަހައްޓައިފި

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން އިންޑިއާ މޮޅުވިއަނުދީ ބަންގްލަދޭޝް ހިފަހައްޓައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އިންޑިއާ ޓީމުންނެވެ. މި ގޯލަކީ ތިރިތިރިން އައި ހުރަހެެއް ގޯލުގެ ތެރެެއަށް ފޮނުވާލައިގެން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެޓީމަށް ކާމިޔާބު ކޮށްދިން ގޯލެކެވެ. ފުރަަތަމަ ހާފު ނިމުނީ 1-0 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ބަންގްލަދޭޝްގެ ބިޝްވަނަތު ގޯޝްއަށް ރަތް ކާޑު ދެއްކުމުން ދެވަނަ ހާފުގެ ބޮދު ބައެއް އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއު އެކުގަ އެވެ. ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާސިން އަރަފާތު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔާސީން އެވެ.

އޭގެ ފަހުން ލީޑު ނެގުމަށް އިންޑިއާ ޓީމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ސުނިލް ޗެތުރީ ދިން ކަޓް ޕާހަކުން ކުޑަ އޭރިއާ ކައިރީގައި ހުރެފައި މަންވީރް ސިންގް ފޮނުވާލި ބާރު ހަމަލާ ބަންގްލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ބަރްމާން ވަނީ ހުށިޔާރު ކަމާއި އެކު ބްލޮކް ކޮށްފަ އެވެ.

މި މަތީޖާ އާއި އެކު މުބާރަތުގެ ފުރަތަމަ މެޗު އެއް ޕޮއިންޓުން ފުއްދާލަން އިންޑިއާއަށް ޖެހުނު އިރު ބަންގްލަދޭޝް ތާވަލުގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓު ލިބިގެންނެވެ. ފުރަަތަމަ މެޗުގައި ބަންގްލަދެޝުން ލަންކާ ބަލިކުރީ 1-0 އިންނެވެ.

މިރޭގެ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އާއި ސްރީލަންކާ އެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.