އަބްދުﷲ ޖާބިރު

ދީނީ މިނިވަން ކަމަށް ޖާބިރު ގޮވައިފި

ރާއްޖޭގައި ދީނީ މިނިވަންކަން ދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިފި އެވެ.

ފަހަކަށް އައިސް ވާހަކަ ގިނަ ކުރައްވާ އަދި ތަފާތު ހާލަތްތައް މެދުވެރި ކުރުވައި ސަމާލުކަން ހޯއްދަވަމުން ގެންދަވާ ޖާބިރު ދީނީ މިނިވަން ކަމަށް ގޮވީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގެ ތެރެއިން ފުރުސަތު ހޯއްދަވައިގެނެވެ.

އޭނާގެ އެ ވާހަކައިގައި ދުނިޔޭގެ އެހެން ގިނަ ގައުމުތަކޭ އެެއްފަދައިން ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް ... އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މި މޭރުމުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ރާއްޖޭގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީނެވެ.