މާލޭ ސިޓީ

ގަޑިބުރު ހަދައިދޭނެ ބަޔަކު ހޯދަނީ

މާފަންނު ގަޑިބުރު ހަދައިދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ގަޑިބުރު ހަދައި ދޭނެ ފަރާތެއް ހޯދާ ކަމަށާއި އެތަން ހަދަން ހޯދަނީ އަމިއްލަ ހަރަދުގައި އެކަން ކުރާނެ ބަޔަކު ކަމަށެވެ.

މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު މައުލޫމާތު ސެޝަނެއް ބާއްވާނެ އެވެ. އެ ސެޝަން އޮންނާނީ ކައުންސިލްގެ އިދާރާގައި އެ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު އެވެ.

ގަޑި ބުރު ހަދައިދޭން ބޭނުންވާ ފަރާތްތަކުން އަގު ހުށަހެޅުމުގައި ބައިވެރިވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ އޮވެގެނެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ އަހަރުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ބޮޑު ގަޑި ބަހެއްޓި ތަނެވެ. މިހާރު އެތާގައި ގަޑިއެއް ނުހުރެ އެވެ. މިހާރު ހުންނަނީ ވަތް ބުރެކެވެ.