އާދަމް ޝަރީފު އުމަރު

ލާމަރުކަޒީ ނިޒާމަށް އިހްތިރާމު ކުރުމަށް އެދިވަޑައިގެންފި

ހުރިހާ އެންމެންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމު ކުރުމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު އާދަމް ޝަރީފް މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އެދިވަޑައިގެން މިއަދު މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން މާލޭގެ މޭޔަރާއި ކައުންސިލަރުންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލަރުންނަކީ ސިޓީ، އަތޮޅު އަދި ރަށް ތަމްސީލް ކުރާނެ އެންމެ އިސް ފަރާތްތައް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"ހުރިހާ އެންމެންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމުކޮށް، އިތުރަށް އަހުލުވެރިވާންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ދައުލަތުގެ މުއައްސަސާތަކުން އިހްތިރާމު ކުރާ ތަންތަން ކަމުގައި ހެދުމަށް ކުރާ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ވާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ހުރިހާ އެންމެންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމު ކުރުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސް ކުރެއްވިއިރު ސަރުކާރުން ގެންދަނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުގެ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ގާނޫނުއަސާސީއާއި ލާމަރުކަަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ތައްޔާރުވަމުންނެވެ.