ޑރ. މުހައްމަދު މުއިއްޒު

ބަދަލުތަކާއެކުވެސް ރައްޔިތުންގެ ބާރު ކެނޑިގެން ނުދާނެ: ރައީސް

ލާމަަރުކަޒީ ނިޒާމަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކާ އެކު ރައްޔިތުންގެ ބާރު ކުޑަވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިޔަގީންކަން ދެއްވީ މިއަދު އެމަނިކުފާނު މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން މާލޭގެ ކައުންސިލަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ލާމަަރުކަޒީ ނިޒާމު ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިނިޒާމަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާ އެކު ކައުންސިލްތަކަށްވެސް އަދި ރައްޔިތުންނަށްވެސް ދެރައެއް ނުލިބޭނެ ކަމަށެވެ.

ރައީސް މިދިޔަ މަހުގެ ތެރޭގައި ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ގެންނަން ބޭނުންވާ ގޮތުގެ ހިޔާލުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރަން ބޭނުންވާ ކަމަށާއި އޭރުން ދައުލަތަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވި އެ ފައިސާއަށް ތަރައްގީގެ ކަންކަމުގައި ބޭނުންކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ހުށަހަޅާ ބައެއް އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ ކައުންސިލްތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ރަނގަޅަށް ނަތީޖާ ނެރުމަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށެވެ.

"ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއްވެސް ކުޑަވާކަށް ބޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލެ ސިޓީގައި ހުރި މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލުކުރުން ލަސްވާ މައްސަލައާއި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައާއި މަގުތައް ހެދުން ލަސްވާ މައްސަލައާއި އުދައެރުމުގެ މައްސަލައާއި ސަހަރާތައް ފުރިފާވުމާއި ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ފެށުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރެއްވި އެވެ.

މާލެ ސިޓީގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް އޭގެ އެންމެ ހައްގުވެރިންނަށް ދޭނެ ކަން މާލޭގެ ކައުންސިލަރުން މެދުވެރިކޮށް ޔަގީންވާ ގޮތަށް މަސައްކަތްތައް ރާވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ހުރި ދަތިތައް ލޯކަލް ގަވަނެސް މިނިސްޓްރީއާ ގުޅިގެން ހައްލުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.