ޑރ. މުހައްމަދު މުއިއްޒު

ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލަ އާ މާރުކޭޓާ އެކު ހައްލުވާނެ: ރައީސް

މާލޭގައި އެޅުމަށް ހަމަޖެހިފައިވާ އާ މާރުކޭޓް އިމާރާތާއެކު މާރުކޭޓްތަކުގައި މިހާރު ވަކިހިއްޕާލައިގެން ތިބި ބިދޭސީންގެ މައްސަލަ މުޅިން ހައްލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގައި ސަރުކާރުން ހަދާފައިވާ މާރުކޭޓްތަކަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ގޮތަކަށް އަދި ސާފުތާހިރުކޮށް ހުރި ތަންތަން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ މައްސަލަ ހައްލުކުރަން ސަރުކާރުން ވާނީ މާލެ ސިޓީ ކައުންސިލަށް ހުރިހާ ކަމެއްގައިވެސް މަގުފަހިކޮށްދީފައި ކަމުގައި ވިދާޅުވި އެވެ.

"އެ ދެ މާރުކޭޓްގެ ބަދަލުގައި މިހާރު ލޯކަލް މާރުކޭޓް އެ ހުރި ތަނުގައި އެންމެ ޒަމާނީ ފެންވަރުގައި ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މާރުކޭޓްތައް ހުންނަ ތަންތަނުގައި ހުންނަ ފެންވަރުގެ އިމާރާތެއް އަޅާފައި އެތަނުގައި މަސް މާރުކޭޓްވެސް އަދި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަވެސް ހިމެނޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓް އިމާރާތެއް އަޅަން [ވާނީ ނިންމާފައި]. ޕާކިން އެތާންގެ އަޑީގައި ބޭސްމަންޓްވެސް ހިމެނޭ ގޮތަށް،" ރައީސްއަށް ސުވާލު ފޮނުއްވި ހއ. ބާރަށް، މަދޮށިމާގެ، އަބްދުﷲ އިބްރާހީމް މަނިކަށް ޖަވާބުދެއްވަމުން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާ މާރުކޭޓް އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ކުރިއަށް އޮތް ރޯދަ މަސް ނިމުމާ އެކު މިހާރުގެ ލޯކަލް މާރުކޭޓް ރޫޅާލުމަށްފަހު އޭޕްރީލް މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންވީމާ އެ މާރުކޭޓް އިމާރާތް އެޅުނީމާ ދެންމެ އަބްދުﷲ ތި ފާހަގަކުރި މައްސަލައަށް ހައްލެއް އަންނާނީ. ވަރަށް ސާފުތާހިރު ވަރަށް ރީތިކޮށް އޮންނަ އަދި މާ ޖާގަވެސް ބޮޑު ގޮޅިތައްވެސް ހަމަޖެހިގެންދާނެ. މާހިތްގައިމު ވާނެ. އެހެންވީމާ ހުރިހާ ގޮތަކުން ރަނގަޅުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާ މާރުކޭޓް އިމާރާތް އެޅުމަށްޓަކައި ލޯކަލް މާރުކޭޓް ރޫޅާލަން ޖެހޭތީވެ މިހާރު އެތަނުގައި ގޮޅި ނަގައިގެން ތިބި މީހުން ވަގުތީ މާރުކޭޓަކަށް ބަދަލުކުރާނެ ކަމަށެވެ.

މާރުކޭޓް ގޮޅިތައް ދިވެހިންގެ އަތުން ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލައިގައި ރައީސް ވިދާޅުވީ އާ މާރުކޭޓް އިމާރާތާ އެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ބޭރު މީހުންގެ މައްސަލައަކީ ހަމަ ވަރަށް ބޮޑުވެފައި އޮތް ކަމެއް. ދިވެހިންނަށް ގޮޅި ދޫކުރަނީ ދެންމެ ތި ފާހަގަކުރި ގޮތަށް. އެހެންވީމާ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރުގެ ތެރެއިން އިމްޕްލިމެންޓިންގެ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކާ ގުޅިގެން ކުރިއަށް އޮތް ތާންގައި ހައްލުވެގެންދާނެ ކަމެއް. އާ މާރުކޭޓް އެޅިގެންދާއިރު އެއްކޮށް ތިކަން އިރާދަކުރެއްވިއްޔާ ހައްލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.