މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ ފަރާތުން މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ އެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މާލޭގައި ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވަނީ ދަރުބާރުގޭގެ އިރަށް އޮތް ހުސް ބިމެވެ.
މުއިއްޒު ވިދާޅުވީ ސްޓްރީޓް ފުޑް ބޭނުންވާ މީހުން މާލޭގައި ވެސް ދިރިއުޅޭ ކަމަށެވެ. ނަމަވެސް މިވަގުތު އެ ކޮންސެޕްޓަށް ތަރައްގީކުރެވިފައިވާ ތަނެއްް މާލޭގައި ނެތް ކަމަށެވެ.
ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަނެއް ތަރައްގީކުރާނަމަ އެކަން ކުރާނީ ސިއްހީ އިދާރާތަކުން ގަބޫލުކުރާ ފެންވަރެއްގައި ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
"ތަންކޮޅެއް ކުރިން ގާޑިޔާތަކެއް ހިންގި ނަމަވެސް އަޅުގަނޑުމެން ދެކެނީ ތަރައްގީ ސިޓީތަކުގައި ހުންނަ ފެންވަރުގައި ސްޓްރީޓް ފުޑް ކޮންސެޕްޓް ގާއިމްކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަނެއް ތަރައްގީކުރާނަމަ އެތަނެއް ތަރައްގީކުރާނީ އާންމުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަންތައްތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ގިނަ ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބަޔަކަށް ވާތީ މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރާނީ ޒުވާނުންނަށް އެތަނަކުން ފުރުސަތުތަކެއް ލިބޭ ގޮތަށް ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާ މާލެ ސިޓީ ކައުންސިލުން ބައްދަލުކުރަމުން މިދަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީގެ ޕްލޭނަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ.