މާލޭ ސިޓީ ކައުންސިލް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލާ ހަވާލުކުރަނީ

މާލެ ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އެގޮތަށް ނިންމަވާފައިވާ ކަން ހާމަކުރެއްވީ އެމަނިކުފާނާއި މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަން ރޭ ނޫސްވެރިންނާ ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލްގެ ހިދުމަތް ދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި އެޗްޑީސީން މިހާރު ދެމުންދާ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދިނުމަށް ރައީސް އަށް ދަންނަވާފައިވާނެ ކަމަށާއި އެއީ ހުޅުމާލޭގެ ރައްޔިތުން ވެސް އެދޭ ގޮތް ކަމުގައި ރައީސް އަށް ދެންނެވި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ވެސް ހުރީ އެހެން ކަމަށް. އެހެންވީމާ ހުޅުމާލޭގެ މުނިސިޕަލްގެ ހިދުމަތް އަޅުގަނޑު އެދުނު ގޮތަށް އަޅުގަނޑުމެންގެ ދަށަށް ބަދަލުކުރުމުގެ ކަންކަން ފައްޓަވައިދެއްވާނެ ކަމަށް،" ރައީސް ދެއްވެވި ޖަވާބު ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާއިރު މިވަގުތު ހުޅުމާލޭގައި އެކަން ކުރާ މުވައްޒަފުންނާއި، ތަކެއްްޗާ އެކު މަސައްކަތް ކުރާނެ ޖާގަ އާއި އަދި ބަޖެޓު ވެސް ހަމަޖައްސައިދިނުމަށްފަހު އެ ބަދަލު ގެނެސްދިނުމަށް ރައީސް ސޯލިހަށް ދެންނެވި ކަމަށެވެ. ބަޖެޓްގެ ވާހަކަ ދެންނެވީ ސިޓީ ކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި އެކަން ކުރާނެ ފައިސާ ހިމަނާފައި ނުވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ނުވަތަ ރަށްވެހިކަމުގެ ހިދުމަތްތައް މާލަސްތަކެއް ނުވެ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީއާ އެކު ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ދިނުމަށްޓަކައި ގެންނަން ބޭނުންވާ ބަދަލުތަކާއި، ސިޓީ ކައުންސިލްގެ އާ އޮނިގަނޑާއި، އަލަށް އުފައްދަން ބޭނުންވާ ޑިޕާޓްމަންޓްތަކާއި، ސްޓްރެޓެޖިކް ޕްލޭންގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރެއްވި ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމަށާއި، ޕްލޭން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރައީސް އަށް ދެންނެވި ކަމަށެވެ.

މީގެއިތުރުން މާލެ ސިޓީ ކައުންސިލްގެ އިދާރާ އަށް ޖާގައިގެ ދަތިތަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ ޖާގަ ތަނަވަސް ތަނެއް ހޯދައިދިނުމުގައި އެހީތެރިވެ ދިނުމަށްވެސް ހުށަހެޅުއްވި ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އަދި އެގޮތުން ފާހަގަކުރެވޭ އިމާރާތްތަކެއްގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކުރެއްވި ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެކަމުގައި ވެސް ރައީސް ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް،" މާލެ ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ރައީސް އެއްބާރުލުން ދެއްވާނެ ކަން ތަކުރާރުކުރައްވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.