ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލޭން 1000 ގޯތި ހިލޭ ދޫކުރަން ރައީސަށް ދަންނަވައިފި

Mar 3, 2022
2

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ދޫކުރާނެ ކަމަށް ސަރުކާރުން ބުނާ 1،000 ގޯތި ހިލޭ ދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މުއިއްޒު މިއަދު ވިދާޅުވީ ހުޅުމާލެ އިން މާލޭ ރައްޔިތުންނަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ ކަމަށް ބުނާ 1،000 ގޯތީގެ މައުލޫމާތު ލިބިވަޑައިގަންނަވަނީ މީޑިއާ އިން ކަމަށެވެ.

ގޯތި ދޫކުރުމަކީ ހަގީގަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހިލޭ ގޯތި ދޭ ފަދައިން ހުޅުމާލެ އިން ދޭ ގޯތިތައް މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ރަސްމީކޮށް ސިޓީ އަކުން ދަންނަވާފައިވާ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ސިޓީ ފޮނުވި ދުވަހެއް މުއިއްޒު ވިދާޅުވެފައެއް ނުވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ސިޓީ ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރާ ވާހަކަދެއްކި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ އިދާރާތަކުން މާލެ ސިޓީ ކައުންސިލާ ނުކުރާ ކަމަށް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންނާ ގުޅޭ މައްސަލަތައް އެންމެ ކައިރިން ބަލައި އެކަންކަމުގައި ހައްލު ހޯދައިދޭންޖެހޭ އިދާރާ އަށް ވާއިރު މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ސަރުކާރުން މައުލޫމާތު ހިއްސާނުކުރާތީ އާއި އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ އެކަމުގައި ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ މަހުގެ ތިންވަނަ ދުވަހު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ "ލާނިހާޔަތުގައި" ކަމަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހްސާސް އަބަދުވެސް ކުރެއްވޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދިޔަ އަހަރު މިތާހުރެ ދެންނެވި 5,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ވާހަކަ. އަދި އިތުރު 2,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ ވާހަކަ." މާލޭގެ ރައްޔިތުންނަށް ހާއްސަ ކުރާ ހައުސިން ޔުނިޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދޭނޭ ކަމުގައި އިއުލާންކުރެއްވެވި އެވެ. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖު "އެދާގޮތަށްގޮސް ގުޅުވައިލެވޭ ތަނަކަށް" ވާނެ ކަމަށާއި މިއަހަރުގެ ޖޫން މަހު މާލޭގެ ރައްޔިތުންނާ އެކު އެ މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.