މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު ކޮށްފައިވާ އިއުލާނެއް މެދުވެރިކޮށް ގޮޅިތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. ކަމާ ގުޅޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާ އިންނާއި ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ އަކަފޫޓަކަށް މަހަކު 31.25 ރުފިޔާގެ ރޭޓުންނެވެ.
މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާ އާ އުސޫލެއް ވެސް މާލެ ސިޓީ ކައުންސިލުން މިމަހު ފަސްވަނަ ދުވަހު ވަނީ ގެޒެޓް ކޮށްފަ އެވެ.
ގޮޅިތަކަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދިނުމަށް ނިންމާފައިވާ ގޮތް ވެސް ސިޓީ ކައުންސިލުން މިހާރު ވަނީ ނެރެފަ އެވެ. އެގޮތުން މިހާރު ވެސް ގޮޅި ހިންގާތާ އެއް އަހަރު ވެފައިވާ މީހެއް ނަމަ 15 ޕޮއިންޓް ލިބެ އެވެ. ދެ އަހަރު ނަމަ 30 ޕޮއިންޓް އަދި ތިން އަހަރު ނަމަ 45 ޕޮއިންޓް ލިބެ އެވެ. އަދި ގޮޅި ހޯދަން ކުރިމަތިލާ މީހަކީ މީގެ ކުރިން ގޮޅިއެއް ލިބިގެން ކުއްޔަށް ދީފައިވާ މުއްދަތުގައި އެތަނުގައި ހުރެގެން ހިދުމަތް ދިން މީހެއް ނަމަ 30 ޕޮއިންޓް ލިބެ އެވެ. ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ހިދުމަތް ދީފައިވާ މީހެއް ނަމަ 15 ޕޮއިންޓް ދެ އެވެ.
މާރުކޭޓޫގައި ގޮޅި ހިންގި މުއްދަތު ގުނަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގޮޅިތަކުގެ ގުރުއަތުގައި ބައިވެރިވެވޭނީ 50 ޕޮއިންޓުން މަތިން ލިބޭ މީހުންނަށެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކުމަށް 163 ގޮޅި ހާއްސަކޮށްފައިވާއިރު ލޯކަލް މާރުކޭޓުގައި މިކަަމަށް 100 ގޮޅި ހާއްސަކޮށްފައިވެ އެވެ. ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކުމަށް 32 ގޮޅި ހާއްސަ ކޮށްފައިވާއިރު ލުއިކާނާއި ސޮފްޓް ޕްރޮޑަކްޓްސް އަށް 35 ގޮޅި އަދި އިމްޕޯޓް މުދަލާއި ގަޑި ކަމަރު ފަދަ އާންމު ބޭނުންތަކުގައި ބޭނުންކުރެވޭނެ ބައެއް ތަކެތި ވިއްކުމަށް 19 ގޮޅި ވެސް ލޯކަލް މާރުކޭޓުގައި ހާއްސަކޮށްފައިވެ އެވެ.
މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމުގެ އާ އުސޫލުގައިވާ ގޮތުން ގޮޅީގެ އެއްވެސް މަސައްކަތެއްގައި މުވައްޒަފުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމެކެވެ. ގޮޅި ކުއްޔަށް ނަގާ ފަރާތުން އުސޫލާ ހިލާފު އަދި އެއްބަސްވުމާ ހިލާފު އެއްވެސް ކަމެއް ކޮށްފިނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެ އެވެ. އާ އުސޫލުގައިވާ ގޮތުން ގޮޅިތައް ކުއްޔަށް ދެވޭނީ ގިނަ ވެގެން ފަސް އަހަރަށެވެ.