މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ދީފި އެވެ.
ގޮޅިތަކަށް ކުރިމަތިލުމަށް މިމަހުގެ 11 ވަނަ ދުވަހު ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލީ ކުރިއަށް އޯގަސްޓް ދެވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އޯގަސްޓް 17 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ފުރުސަތު ހުޅުވާލާފަ އެވެ. ކަމާ ގުޅޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާ އިންނާއި ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިއުލާނުން ދެވިފައިނުވާތީ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެވެ. ޓެކްސް ދެއްކި ކަމުގެ ލިޔުން ދޫކުރުމުގައި މުއްދަތެއް ނަގާ ކަމަށް ކައުންސިލަށް ފާހަގަކުރެވޭ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ އަކަފޫޓަކަށް މަހަކު 31.25 ރުފިޔާގެ ރޭޓުންނެވެ. އޭރުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2،000 ރުފިޔާ އެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅި އެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ހާއްސަ 32 ގޮޅިއާއި، ލުއިކާނާ އާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ހާއްސަ 35 ގޮޅިއާއި، ގަޑިކަމަރު ވިއްކުމަށް ހާއްސަ 19 ގޮޅި އެވެ.
މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލަން ނިންމާފައިވަނީ ގޮޅި ލިބިފައިވާ މީހުންގެ ތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލަ އަށް ގޮޅި ހިންގާ ކޮންމެ މީހަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ މީހެއް ނަމަ 15 ޕޮއިންޓް، ގޮޅި ހިންގާ ތަން ތިން އަހަރު ވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި ދެ އަހަރު ވެފައިވާނަމަ 30، އަދި އެއް އަހަރު ވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެ އެވެ.
މާރުކޭޓޫގައި ގޮޅި ހިންގި މުއްދަތު ގުނަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގޮޅިތަކުގެ ގުރުއަތުގައި ބައިވެރިވެވޭނީ 50 ޕޮއިންޓުން މަތިން ލިބޭ މީހުންނަށެވެ.
މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާ އާ އުސޫލެއް ވެސް މާލެ ސިޓީ ކައުންސިލުން މިމަހު ފަސްވަނަ ދުވަހު ވަނީ ގެޒެޓް ކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ގޮޅީގެ އެއްވެސް މަސައްކަތެއްގައި މުވައްޒަފުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމެކެވެ. ގޮޅި ކުއްޔަށް ނަގާ ފަރާތުން އުސޫލާ ހިލާފު އަދި އެއްބަސްވުމާ ހިލާފު އެއްވެސް ކަމެއް ކޮށްފިނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެ އެވެ. އާ އުސޫލުގައިވާ ގޮތުން ގޮޅިތައް ކުއްޔަށް ދެވޭނީ ގިނަ ވެގެން ފަސް އަހަރަށެވެ.