އަންހެން ބޭފުޅުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަނބަލުންނަށް ހާއްސަ މާރުކޭޓްތަކެއް އަޅަން ރޯދައިގެ ކުރިން ބަޔަކާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނބަލުންގެ މާރުކޭޓްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.
އަންހެން ބޭފުޅުުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކަނބަލުންނަށް ހާއްސަކޮށްގެން މާރުކޭޓްތައް އެޅުމަކީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.
އެކްޝަން ޕްލޭނާ އެއްގޮތަށް މާރުކޭޓްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން މާލޭގެ ކޮންމެ އަވަށެއްގައި މާރުކޭޓެއް އެޅުމަށް ބަޔަކާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"މިކަން ކުރިއަށްދާނެ ގޮތަކީ ކޮންމެ އަވަށެއްގެ ކަނބަލުން ހިންގާ ތަންތަނަށް އެތަން ތަން ވާނެ. އެ އަވަށެއްގެ ކަނބަލުން ރިޕްރެޒެންޓްކުރާ ބޮޑީއެއް އުފައްދާނަން. އެ ބޮޑީ އެއީ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެސް ވެދާނެ. އަޅުގަނޑުމެން ސެޕްގައި ހިމަނާފައި ވަނީ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ ވާހަކަ. އެކަަމަށް އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާނެ. މިނިސްޓްރީގެ އެހީތެރިކަން ނުލިބިއްޖެ ނަމަ ކޮންމެވެސް އެހެން ފޯމެއްގައި ނަމަވެސް އަޅުގަނޑުމެން އޮފިޝަލް ބޮޑީއެއް އުފައްދައިގެން ކަނބަލުން ހިންގާ މާރުކޭޓްތަކަށް މި ތަންތަން ވާނީ." މުއިއްޒު ވިދާޅުވި އެވެ.
ގޭގޭގައި ކަނބަލުން އުފައްދާ ތަކެތި ކޯޕަރޭޓިވް މެދުވެރިކޮށް މި މާރުކޭޓްގައި ވިއްކޭނެ ކަމަށާއި އަދި މާރުކޭޓްގެ ސްޓޯލްތަކުގައި ވެސް ތިބޭނީ އަންހެން ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސްޓޯލްތަކުގައި ބޭރު މީހުންނަށް ނުތިބެވޭނެ ކަމަށާއި ގޭތެރެއިން މާރުކޭޓަށް ތަކެތި ގެންދިއުމުގެ މަސައްކަތުގައި ވެސް މުޅިން ވެސް ހަރަކާތްތެރިވާނީ ކަނބަލުން ކަމުގައިވެސް ވިދާޅުވި އެވެ.