ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރިކުރާ ގޮޅިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ދެ މާރުކޭޓުގައި ބިދޭސީން ތިބޭ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން ބިދޭސީން ގޮޅިތަކުން ބޭރުކުރުމަށް ގާނޫނުގެ ތެރެއިން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިވެހިން ހަމަނުޖައްސައިފިނަމަ ބަންދުކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މައްސަލަ ހައްލުކުރަން ދޭނީ ދެ މަސް ދުވަސް ކަމަށާއި ބިދޭސީން އެތަންތަނުން ބަދަލުނުކޮށްފިނަމަ އެމީހުންނާ އެކީ ހަދާފައިވާ އެގްރިމެންޓް ބާތިލުކުރާނެ ކަމަށެވެ.
މި ދެ މާރުކޭޓުގެ އުތުރުން ދެކުނަށް އާންމުންނަށް ދެވޭނެހެން އެތެރެއިން މަގެއް ހަދަން ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މާރުކޭޓުގެ ފުރާޅުން ފެންފޭބުން ފަދަ މައްސަލަތައް މިހާރުން މިހާރަށް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އަޅުގަނޑުމެން ދަނޑުވެރިންނާ ވިޔަފާރިވެރިންނާ އަދި މަސްވެރިންނާ ވެސް ބައްދަލުކޮށްފިން. ތިން މާރުކޭޓުގެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށްފިން. އެމީހުންގެ ވަރަށް ބައިވަރު ޝަކުވާތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނެ މި ތިން މާރުކޭޓުގައި މައްސަލަތަކެއް ހުރި ވާހަކަ. ދާއިމީ ގޮތެއްގަ ހައްލު ގެންނާނެ ވާހަކަ. މި ތިން މާރުކޭޓު ޒަމާނާ އެއްގޮތްވާ ގޮތަށް ބަދަލުކުރާނަން." މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މަސްމާރުކޭޓުގައި ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ގުރުއަތުލައިގެން މަސް ވިއްކަން އަށި ލިބޭ ގޮތް ހަމަޖައްސައި ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި އައިސް އަޅައިގެން މަސް ވިއްކޭނެ ގޮތް ހަދައިދޭނެ ކަމަށާއި އަބަދުވެސް މަސް މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމު ގާއިމުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުދި މަސް (މުށިމަސް ފަދަ މަސް) ވިއްކާ ގޮޅިތައް ކޮންމެ ދުވަހަކު ނުހުޅުވާ މައްސަލަ އަކީ މަސްވެރިން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރައްވައި ވިދާޅުވީ އެގޮޅިތައް ހަފްތާގެ ހުރިހާ ދުވަހަކު ވެސް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
މަސްމާރުކޭޓުގައި ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކު އެތަން ސާފު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އަދި ފަޅުތެރޭގައި މަސްވިއްކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަސް ވިއްކޭނެ ގޮތް ހަދައިދޭން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ހުއްދައަށް އެދެން ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށާއި ފަޅުތެރޭގައި ތިބެވޭނީ ހަމައެކަނި ހުއްދަ ނަގާ ދޯނިތަކަށް އެކަނި ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
ދަތުރުވެރިންގެ މާރުކޭޓް، ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓުގައި ހުރި މައްސަލަތައް އަވަސް ގޮތަކުން ހައްލުކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެތަންތަން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.