ޑރ. މުހައްމަދު މުއިއްޒު

އަތޮޅު ފިހާރަތަކުގެ ފައިދާ ހޯދައިދޭނަން: މޭޔަރު

މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ގަވާއިދުން ކައުންސިލުންތަކަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އަތޮޅު ފިހާރަތަކަކީ މާލޭގެ އިހުތިސޯސްގެ ތެރޭގައި ހުންނަ ތަންތަން ކަމަށްވާއިރު އެތަންތަނުން ލިބޭ ހަގީގީ ނަފާ ކައުންސިލްތަކަށް ހޯދައިދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އެތަނުން ލިބޭ ފައިސާ ކައުންސިލްތަކަށް ނުލިބޭތީ ބައެއް އަތޮޅުތަކުގެ ކައުންސިލުން ސިޓީ ކައުންސިލާ ބައްދަލުކޮށް އެ ޝަކުވާ ކުރާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އެ ސަރަހައްދަކީ އަތޮޅުތެރޭގެ ރައްޔިތުންނަށްޓަކައި ތަރައްގީކޮށްފައިވާ ތަނަކަށްވާއިރު ކައުންސިލްތަކަށް އޭގެ މަންފާ ނުލިބޭތީ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެތަން ތަރައްގީކޮށްފައިވަނީ އަތޮޅުތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް ޝާމިލްވެގެން ކަމަށްވާއިރު، ސިޓީ ކައުންސިލުން އެދެނީ އެމީހުންނަށް ލިބެންޖެހޭ ފައިދާ ލިބުމަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެތަންނަނުގެ އޯނާޝިޕާއި ރަޖިސްޓްރީ ބަދަލުކުރުމަކީ ކައުންސިލަށް އެކަނި ނިންމޭނެ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެފަދަ ނިންމުމެއް ނިންމާއިރު ޕްލޭނިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީސް ފަދަ ހުރިހާ އިދާރާއެއްގެ ބަސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"އެތަންތަނުގެ އޯނާޝިޕާ އެތަންތަނުގެ ރަޖިސްޓްރީ އެއީ އަޅުގަނޑުމެންނަށް މިއަދުން މިއަދަށް ގޮތެއް ނިންމޭނެ ކަމެއް ނުވިޔަސް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ އަތޮޅުތަކުގެ ރައްޔިތުންނަށް އެ އަތޮޅުތަކުގެ ފިހާރަތަކުގެ ރެވެނިއު ހޯދާ ދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެ ފިހާރަތަކީ ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ފިހާރަތަކެކެވެ. މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި އެ ސަރަހައްދު ތަރައްގީކުރަން ހިމަނާފައިވެ އެވެ. އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެތަންތަން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެ ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ. އެކަމަކު އެ ފިހާރަތައް ހަދާފައި ވަނީ ރަސްކަމުގެ ދުވަސްވަރު ހުރި ގަނޑުވަރު ތަޅާލައިގެން ނެގި ގަލުން ކަމަށްވާތީ ތާރީހާ ތަރިކަ ވެސް ރައްކާކުރުން މުހިންމު ކަމަށެވެ. އެހެންކަމުން އެތަން ތަރައްގީކުރި ނަމަވެސް އެތަނުގެ އަސްލު ނުގެއްލޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ އެތަނުގެ އަސްލު ނުގެއްލޭ ގޮތަށް ބުރިބުރިއަށް ފިހާރަތައް ނަގައިގެން އިގްތިސޯދީ ނަފާ އިތުރުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ ވިސްނުމަކީ މުސްތުގުބަލުގައި އެތަނަށް އަންނަ ޑިވެލޮޕްމެންޓް ވާނީ އޮރިޖިނަލް ފާރުތައް ރިޓެއިން ކުރެވިފަ. އޭތި ހަލާކުނުވާ ގޮތަށް މަތިމައްޗަށް ނެގުން. މަލްޓި ސްޓޯރީ އިމާރާތްތަކެއް އައިސް ވިޔަފާރި އިތުރުކުރެވި އަދި ޓްރެފިކް މައްސަލަ ހައްލުވާ ގޮތަށް ޕާކިން އޭރިއާ އަކާ އެކީ އެ ސަރަހައްދު ތަރައްގީ ކުރެވިދާނެ. އެގޮތަށް ލޭންޑް ޔޫސް ޕްލޭންގައި ވެސް އޮންނާނީ. އޭރަށް ތާރީހީ ތަރިކަ ރައްކާތެރިކުރެވުނީ. އަދި އިގްތިސޯދީ ނަފާ ވެސް އިތުރުކުރެވުނީ .އަދި އަތޮޅުތަކާއި މާލެ ސިޓީ ރައްޔިތުންނަށް ފައިދާވެސް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އަތޮޅު ފިހާރަތަކުން ލިބޭ ފައިދާ ކައުންސިލްތަކަށް ނުލިބިގެން ކައުންސިލްތަކުން އަބަދުވެސް ޝަކުވާ ކުރެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ވަނީ 2015 ވަނަ އަހަރު އެ ފިހާރަތަކުން ލިބުނު ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދީފަ އެވެ. އަދި 20 އަތޮޅަކަށް 2016 އަދި 2017 ވަނަ އަހަރުގެ ފައިސާ މިއަދު ކައުންސިލްތަކަށް ޖަމާކޮށްދީފައިވާ ކަމަށްވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.