މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދޭން ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީން ހުރަސް އަޅާ ކަމަށް ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ހާޒިރީ ބޯނަސް ދޭން ފާސް ކުރުމަށްފަހު އެކަން ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އަދި އެކަމުގެ ހުއްދައަށް ތިން ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެވެން ޖެހޭނެ އެ މުވައްޒަފުންނަށް އެ ފައިސާ. އެއީ އަޅުގަނޑުމެން ދޭން ބޭނުން ފައިސާއެއް. އެހެންވީމާ އެއަށް ސަރުކާރުން ހުރަހެއް އަޅުއްވައިގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 75 ރުފިޔާ ދިނުމަށް ކައުންސިލުން ފާސްކޮށް އަހަރެއްވީ އިރުވެސް އެކަން ނުވެ އޮތުމުން މުވައްޒަފުންގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޖްތަބާ ޖަލީލް ވިދާޅުވީ ބޯނަސް ދިނުމުގެ ހުއްދައަށް އެދި ޕޭ ކޮމިޝަނަށް މިދިޔަ އަހަރުގެ މޭ މަހު ފޮނުވި ކަމަށެވެ. ނަމަވެސް އޭރު އެކަން ވާން ނެތް ކަމަށް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ކަމަށްވެސް މުޖްތަބާ ވިދާޅުވި އެވެ.
އޭރު ބޯނަސް ދެވެން ނެތް ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާތީ ކަމަށް މުޖްތަބާ ވިދާޅުވި އެވެ.
"ދެން އޭގެ ފަހުން ދެވަނަ ފަހަރަށް އަޅުގަނޑުމެން އަނެއްކާ ވެސް ސިޓީ ފޮނުވިން މިކަން އަވަސް ކުރުން އަޅުގަނޑުމެންނަށް މުހިންމު ކަމަށް ވާތީ އެ ކަމުގެ ހުއްދަ ދިނުމަށް އެދި. އެކަމަކު އަނެއްކާ ވެސް ޖަވާބު އައީ އެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ ހުއްދަ ސަރުކާރުން ނުދީފި ނަމަ ދެން މަސައްކަތް ކުރަންވީ ގޮތާ މެދު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކުރިއަށް ދާނެ ކަމަށެވެ.