ފިނޭންސް މިނިސްޓްރީ

ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމުން އަހަރަކު 62 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ

ޔުނިވަސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއިއެކު އަހަރަކު 62.5 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

"މިއަހަރު ތެރޭގައި ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ އަދި މުޅި އަހަރަށް، ޖެނުއަރީން ފެށިގެން ބަލާލާއިރު، ގާތްގަނޑަކަށް 62 މިލިއަން ރުފިޔާގެ ފިސްކަލް އިމްޕެކްޓެއް އަންނާނެ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއެކު މަހަކު 5.2 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

ޔުނިވަސިޓީގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކާއި އެކު މުވައްޒަފުންގެ މުސާރަ ގާތްގަނޑަކަށް 59 އިންސައްތަ ކުރިއަރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މުސާރައިގެ ކުރިއެރުން ލިބޭ މުވައްޒަފުންގެ ޖުމުލަ އަދަދަކީ 767 ކަން އަމީރު ވަނީ ހާމަ ކުރައްވާފަ އެވެ. އެއީ ގައުމީ ޔުނިވަސިޓީގެ 625 މުވައްޒަފުންނާއި އިސްލާމިކް ޔުނިވަސިޓީގެ 124 މުވައްޒަފުންނާއި ޕޮލިޓެކްނިކްގެ 18 މުވައްޒަފުންނެވެ.

މުސާރައަށް އައި ބަދަލުތައް

  • ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް
  • ރަޖިސްޓްރާ: 23،000 ރުފިޔާއިން 42،000 ރުފިޔާއަށް
  • ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް
  • ސީނިއާ ލެކްޗަރާ: 20،830 ރުފިޔާއިން 34،000 ރުފިޔާއަށް
  • އެސިސްޓެންޓް ޕްރޮފެސާ: 23،500 ރުފިޔާއިން 39،400 ރުފިޔާއަށް
  • އެސޯސިއޭޓް ޕްރޮފެސާ: 26،000 ރުފިޔާއިން 45،000 ރުފިޔާއަށް
  • ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް
  • ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް
  • ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް

ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މާޗް މަހު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފަ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.