ހަބަރު

މެދުކެނޑުނު ދުވަސްތަކަށް އެލަަވަންސް ނުދޭން ނިންމައިފި

ކޮވިޑާ ގުޅިގެން ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދިނުން ހުއްޓާލި ސެޓްފިކެޓް އެލަވަންސާއި ޕާފޯމަންސް އެލަވަންސްތައް މެދުކެނޑުނު ދުވަސްތަކަަށް އެ އެލަވަންސް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.

ޝަފީގް ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސްގެ މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސާއި ޕާފޯމަންސް އެލަވަންސް ދިނުން ހުއްޓާލައިފައި އޮތުމުން ބައެއް މުވައްޒަފުންގެ ފަރާތުން ހާއްސަ ގޮތެއްގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންގެ ފަރާތުން ޝަކުވާ ލިބޭ ކަމަށެވެ. އެހެންކަމުން އެ އެލަވަންސް ދޭން ފަށަނީ ކޮންއިރަކުންތޯ އަދި ދޭން ފަށާއިރު، އެލަވަންސް ނުލިބި ހޭދަވެގެން މިދިޔަ ދުވަސްތައް ހިމަނާނެތޯ ޝަފީގު ސުވާލު ކުރައްވައިފައި ވެއެވެ.

ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި ތަދުމަޑުކަމުގެ ސަަބަބުން އާމްދަނީއަށް ކުރިމަތިވި ހީނަރުކަމާ އެކު ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ކުރާ ހަރަދުވެސް ހިމެނޭހެން ގިނަ ދާއިރާތަކުން ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ކަމަށާއި އަދި އެ އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑް ކުރިން ދައުލަތުގެ އާމްދަނީ ހުރިވަރަށް ދެވޭވަރުވާނެ ކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގައި ކަމުން އެ އަހަރާއި ހަމައަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ދަރަނި އަދި ކޭޝް ފްލޯ އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން ފިޒިކަލް ސްޓްރެޓެޖީއާއި ބަޖެޓުގެ ހިސާބުތައް ދެމެހެއްޓުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށެވެ.

އިގްތިސޯދީ އަދަވަޅުން އަދި އަރައިނުގަނެވުނު ނަމަވެސް ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ އެދުމުގެ މަތިން ސެޓްފިކެޓް އެލަވަންސް މިހާރު ވަނީ އަލުން ދޭން ފަށައިފައިވާ ކަންވެސް އަމީރު ފާހަގަކުރައްވާފައިވެ އެވެ. އެހެންނަމަވެސް ޕާފޯމަންސް އެލަވަންސް އަދި ދޭން ފަށައިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޕާފޯމަންސް އެލަވަންސް ދޭން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީ ހަމައަކަށް އެޅި ފިޒިކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުން ކަމަށެވެ.

"މިކަން ތަންފީޒުކުރާނެ ގޮތް އެކުލަވާލުމުގެ އިތުރުން ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއާއި އެލަވަންސްތައް އެއްހަމަކުރުމުގެ މަސައްކަތް ނެޝެނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ގެއްލިގެން ދިޔަ އާމްދަނީ އަކީ މުސްތަގުބަލުގައި ވެސް ދައުލަތަށް ލިބޭނެ އާމްދަނީއެއް ނޫންކަމުން ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދާއި ޑެފިސިޓް ބެހެއްޓުމުގެ ގޮތުން ހުއްޓާލެވެނު އެލަވަންސެއް އަލުން ދޭން ފަށާއިރު އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމަށް ދަންނަވަމެވެ." އަމީރު ލިޔުމުން ދެއްވި ޖަވާބުގައިވެ އެވެ.