އއ. ރަސްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރަސްދޫގައި ކުރިއަށް ގެންދިއުމަށް ޓެންޑާ ކުރެވިފައިވާ 50 ހައުސިން ޔުނިޓާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީރުއާ ސުވާލު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެވޭނީ ކޮންއިރަކުންތޯ އާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވި ކިހާ ދުވަހެއްގެ ތެރޭގައި ހައުސިން ޔުނިޓުތައް ހިންމާ ރައްޔިތުންނަށް އެ ޔުނިޓުތަކަށް ވަދެވޭވަރުވާނެތޯ މެންބަރު ވަނީ ސުވާލުކުރައްވާފަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރަސްދޫގެ ހައުސިން ޔުނިޓުތަކުގެ މަޝްރޫއުގެ ބިޑް ހުޅުވާ، ބިޑްތައް އިވެލުއޭޓްކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މަޝްވަރާކުރުމުގެ މަރުހަލާ ކަމަށެވެ.
މަޝްވަރާކުރުމުގެ މަސައްކަތް ނިންމާ އަޅުގަނޑުމެން އެވޯޑުކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
މަސައްކަތް ނިންމާ ޔުނިޓުތަކަށް މީހުންނަށް ވަދެވޭނީ ކޮންއިރަކުންކަން ނޭނގޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބު ނިންމަވާލެއްވުމުން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޝިޔާން ވަނީ ކޮންޓްރެކްޓްގައި މުއްދަތު ހިމެނިފައިވާނެކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު އަމީރު ވަނީ ޓެންޑާ މަރުހަލާގެ ކޮންޓްރެކްޓްތަކުގެ ޑީޓެއިލް ނުބައްލަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްރޫއު އެވޯޑް ކުރެވޭއިރު ކޮންޓްރެކްޓްގައި މަސައްކަތުގެ މުއްދަތު ހިމެނިފައިވާނެ ކަމަށް ވިދާޅުވި އެވެ.