ހަބަރު

ބަޖެޓް: 20،000 ހައުސިން ޔުނިޓަށް 600 މިލިއަން ރުފިޔާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ފްލެޓްތައް: އަންނަ އަހަރުގެ ބަޖެޓްގައި ފްލެޓްތަކަށް 600 މިލިއަން ރުފިޔާ ހިމަނާފައިވޭ -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރު ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކަށް ބަޖެޓްގައި 359 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު ފަށާ 20،000 ހައުސިން ޔުނިޓްގެ މަސައްކަތަށް 600 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

"20،000 ސޯޝަލް ހައުސިން ޔުނިޓްގެ ޕްރޮގްރާމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު، މި މަޝްރޫއު ފެށުމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ހިމަނާފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ 20،000 ހައުސިން ޔުނިޓް އަޅާނެ ރަށްރަށް އަދި މުޅިން ހަމަޖެހިފައެއް ނުވެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ހައުސިން ޔުނިޓްތައް އަޅާނެ ވަކިވަކި ރަށްރަށުގެ ތަފުސީލެއް ފިނޭންސް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910