ބޯހިޔާވަހިކަން

އަތޮޅުތަކުގެ ގެދޮރުވެރި ތިން އަހަރު: 1.5 ބިލިއަން

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށް އޮތް ތިން އަހަރަށް 1.5 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުން މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާފަށުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. ގެދޮރުވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން ދައުލަތުގެ ފަރާތުން ބޭނުންވާ ކަމެއް ކަމަށެވެ.

މިކަމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް އިމާރާތްކުރާ 4,000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެކުއިޓީ މި އަހަރު ތެރޭގައި ސަރުކާރުން ދައްކައި، އަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަޝްރޫއުތަކާއެކު، އަމިއްލަ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން މާލޭ ސަރަހައްދުގައި ޖުމުލަ 11,000 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އަދި އިގުތިސާދީ ތަސައްވަރުގައިވާ ގޮތުން ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެތެރެއިން ރިކަރަންޓް ހަރަދަށް 1.6 ބިލިއަން އަދި ކެފިޓަލް ހަރަދަށް 838 މިލިއަން ބަޖެޓްގައި ކަނޑައަޅާފައި ވެއެވެ.

ނެޝެނަލް ސޯޝަލް ހައުސިން ފްރޮޖެންޓްތަކަށް 449 މިލިއަން، އެކި ރަށްރަށުގެ ހައުސިން ޔުނިޓް އެޅުމަށް 94 މިލިއަން، އެފޯޑަބަލް ހައުސިން ޕްރޮޖެކްޓަށް 57 މިލިއަން ރުފިޔާ ވެސް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.

"އަތޮޅު ތެރޭގައިވެސް ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަކީ ސަރަހައްދީ ތަރައްގީއަށް މުހިއްމުކަމެއް. ވީމާ، އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށް އޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާނެ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.