އިބްރާހިމް އަމީރު

ރަސްދޫގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް މިމަހު ހަވާލުކުރަނީ

އއ. ރަސްދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް މިމަހު އެވޯޑްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރަސްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވޭނީ ކޮންއިރަކުންތޯ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ. މެންބަރު ވަޒީރުއާ ސުވާލު ކުރެއްވީ ލިޔުމުން ޖަވާބު ހޯދުމަށެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރަސްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިޑު ހުޅުވައި، އިވެލުއޭޓް ކުރެވި ބަޔަކާ ހަވާލުކުރުމުގެ ކުރިން މަޝްވަރާކުރަމުންދާ ކަމަށެވެ.

މަޝްވަރާ ކުރުމުގެ މަސައްކަތް ނިންމާ ބަޔަކާ އެވޯޑުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ރަސްދޫ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން މެންބަރު ހަސަން ޝިޔާން ވަނީ މީގެ ކުރިންވެސް މިނިސްޓަރު އަމީރުއާ ސުވާލު ކުރައްވާފަ އެވެ.

އެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމާ ޔުނިޓުތަކަށް މީހުންނަށް ވަދެވޭނީ ކޮންއިރަކުންތޯ މެންބަރު ސުވާލު ކުރައްވާފައިވާއިރު މިނިސްޓަރު އަމީރު ވަނީ އެ ތާރީހު ދަންނަވަން ނޭނގޭ ކަމަށް އޭރު ވިދާޅުވެފަ އެވެ.