ނެޝަނަލް ޕޭ ކޮމިޝަން

ޕޭ ކޮމިޝަނަށް ފަރީދާ އައްޔަން ކޮށްފި

ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް އުފައްދާފައިވާ ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) ގެ މެންބަރު ކަމަށް އައިޝަތު ފަރީދާ އައްޔަން ކޮށްފި އެވެ.

ފިނޭސް މިނިސްޓްރީން މިއަދު ބުނީ ޕޭ ކޮމިޝަނަށް ފަރީދާ އައްޔަން ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި ފަރީދާގެ އިތުރުން ދެން ތިއްބަވަނީ ޕޭ ކޮމިޝަންގެ ރައީސް، ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރާއި ނާއިބު ރައީސް މަރިޔަމް ނިޔާފް މުހައްމަދާއި ކޮމިޝަންގެ މެންބަރު އަފާފް އިބްރާހިމް އަލި ދީދީ އަދި މެންބަރު ފާތިމަތު ޝަނާ ފާރޫގެވެ.

ޕޭ ކޮމިޝަން އުފައްދާ ބިލް ރައީސް ތަސްދީގު ކުރެއްވީ އޭޕްރީލް 28، 2016 ގައެވެ.

އެ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ޕޭ ކޮމިޝަނެއް އުފައްދަން ޖެހެ އެވެ. މި ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

ކޮމިޝަންގެ ރައީސަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމި ތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. ފަސް މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓްޓައިމް އުސޫލުން މަސައްކަތް ކުރާ މެންބަރުންނެވެ.