ފިނޭންސް މިނިސްޓްރީ

އަންނަ އަހަރު ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާގެ އެހީ

Aug 2, 2022

އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

މިއަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ބަޖެޓުން ދޭން ނިންމާފައިވަނީ 1.5 ބިިލިއަން ރުފިޔާ އެވެ. މީގެތެރެއިން 850 މިލިއަން ރުފިޔާގެ އެހީ ވަނީ މިދިޔަ މަހުގެ ނިޔަލަށް ކައުންސިލްތަކަށް ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ވަކިވަކި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ހިލޭ އެހީ ނުވަތަ "ބްލޮކް ގްރާންޓް"ގެ ގޮތުގައި ދޫކުރާ އަދަދުތައް ހާމަކޮށްފަ އެވެ.

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ ހަތަރު ސިޓީ ކައުންސިލަށެވެ. އެއީ ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީގެ 20 ޕަސަންޓެވެ.

މާލެ ސިޓީ ކައުންސިލަށް 166 މިިލިއަން ރުފިޔާ ދޭއިރު، އައްޑޫ ސިޓީ ކައުންސިލަށް 75 މިލިއަން ރުފިޔާ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 48 މިލިއަން ރުފިޔާގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 36 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އެންމެ ގިނައިން އެހީ ލިބޭ ކައުންސިލްތައް:

ގދ. ތިނަދޫ ކައުންސިލް: 25 މިލިއަން ރުފިޔާ
ލ. ގަމު. ކައުންސިލް: 20.2 މިލިއަން ރުފިޔާ
ޅ. ނައިފަރު ކައުންސިލް: 19.9 މިލިއަން ރުފިޔާ
ރ. ދުވާފަރު ކައުންސިލް: 16 މިލިއަން ރުފިޔާ
ކ. މާފުށި ކައުންސިލް: 15 މިލިއަން ރުފިޔާ
ހއ. ދިއްދޫ ކައުންސިލް: 15 މިލިއަން ރުފިޔާ
ގއ. ވިލިނގިލި ކައުންސިލް: 15 މިލިއަން ރުފިޔާ

ކައުންސިލްތަކަށް ދޫކުރާ ގްރާންޓް އެހީގެ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ކައުންސިލްތަކުގެ 2023-2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށް އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަަލަށް ފުރުސަތު ދިނުމަށްފަހު އެވެ.

ކައުންސިލްތަކުން ބަޖެޓް އެކުލަވާލާއިރު ދައުލަތުގެ ބަޖެޓުން ގްރާންޓް އެހީގެ ގޮތުގައި ލިބޭ އަދަދާއި ސަރުކާރުގެ ވަކިވަކި އިދާރާތަކުން އެކި ކަންކަމަށް ލިބޭނެ ކަމަށް ލަފާ ކުރާ އަދަދުތައް ވެސް ހިމަނަންޖެހެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ކައުންސިލްތަކަށް ހިލޭ އެހީ ދިނުމަށް ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ސަރުކާރުގެ ނިންމުމާ އެއްގޮތަށް 2020 ވަނަ އަހަރުން ފެށިގެން އެހީ ދެމުން ގެންދެ އެވެ.