ފިނޭންސް މިނިސްޓްރީ

ކައުންސިލްތަކަށް އަންނަ އަހަރު 1.7 ބިލިއަން ރުފިޔާގެ އެހީ

Sep 12, 2022

ދައުލަތުގެ ބަޖެޓުން ދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.7 ބިލިއަން ރުފިޔާ ކައުންސިލް ތަކަށް ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފްރެންސްގެ ތެރެއިން މިއަދު ބޭއްވި ތިންވަނަ ސެޝަންގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ.

ތިންވަނަ ސެޝަންގެ މައުލޫއަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ.

ދައުލަތުގެ ބަޖެޓުން ދޭ ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ކައުންސިލްތަކަށް ފައިސާ ދޫކުރަން ސަރުކާރުން ނިންމީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް ކޮވިޑް 19އާ ކުރިމަތިލާން ޖެހުމާ ގުޅިގެން އެ އަހަރު ކައުންސިލްތަކަށް ދޫކުރީ 550 މިލިއަން ރުފިޔާ އެވެ.

މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ކައުންސިލްތަކަށް އަންނަ އަހަރު ގްރާންޓް އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޫކުރަން ސަރުކާރުން ނިންމީ ކައުންސިލްތަކަށް ދޭ އެހީ އަހަރުން އަހަރަށް އިތުރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ދައުލަތަށް ލިބޭ އާމްދަނީ އަކަށް ބަލައި މިއަަދަދު ކުރިއަށް އޮތް ތަނުގައިވެސް އިތުރުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ. " މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ގްރާންޓް އެހީ ދޭ އިރުު ދޫކުރާ ފައިސާގައި ފަރަގުތަކެއް އުޅޭތީ ލިބޭ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އުސޫލު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ހުރިހާ ކައުންސިލަކަށް ވެސް އެކަށީގެންވާ އެއްޗެއް ދައުލަތުން މިހާރު ހަރަދު ކުރާ ކަމުގައިވެސް ވިދާޅުވި އެވެ.